03 Mar 2012, 16:03
ގއ. ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް (ކޭއެފްއެމް) ކުންފުނީގެ މެނޭޖްމަންޓާ ދެކޮޅަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް މިއަދު މުޒަހަރާ ކުރަންފަށައިފި އެވެ.
ކުއްޑޫގައި މުޒާހަރާ ކުރަމުންގެންދާ ބައެއް ފަރާތްތަކުން ސަން އަށް މައުލޫމާތު ދިން ގޮތުގައި އެތަނުގެ މުވައްޒަފުންތަކެއް މުޒާހަރާ ކުރަމުން ދަނީ އެތަނުގެ މެނޭޖް މަންޓް ބަދަލު ކުރުމަށް ގޮވާލަ އެވެ.
އަދި މި މުޒާހަރާގައި ކޫއްޑޫ ފިޝަރީޒްގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މެނޭޖުމަންޓްގެ އިސް މުވައްޒަފުން ވަޒީފާ އިން ވަކިކުރުމަށް ގޮވާލަމުންދާ ކަމަށް މުޒާހަރާގެ ބައިވެރިން ބުންޏެވެ.
މުޒާހަރާ ކުރަމުންގެންދާ އެތަނުގެ މުވައްޒަފެއް ކަމަށްވާ ގއ. ވިލިނގިލީ ޝަގީލް އަހުމަދު ބުނީ ކުއްޑޫގެ މުވައްޒަފުން މިއަދު މެންދުރު ފަހުން ފެށިގެން މުޒާހަރާ ކުރަމުން ދަނީ އެތަނުގެ މެނޭޖްމަންޓްގައި ތިބި ކޮރަޕްޝަނުން ފުރިފައިވާ "ގާބިލް ނޫން" މުވައްޒަފުން ވަކި ކުރުމަށް ކަމަށެވެ.
"މި ތަނުގެ މެނޭޖްމަންޓާ ދެކޮޅަށް މުޒާހަރާ ކުރަމުން މި ދަނީ މިތަނުގައި ގާބިލް ނޫން އެތައް ބަޔަކު ތިބީތީ. ތައުލީމެއް ނެތް އެތައް ބަޔަކު ވަނީ ސިޔާސީ ބޭނުންމަށް ވަޒީފާ އަށް ލާފައި. މި ތަނުގައި ހުރި ކޮރަޕްޝަނުގެ މައްސަލަތަކާ ދެކޮޅަށް އަޅުގަނޑުމެން މި ތަނުގައި އަޑު މި އުފުލަނީ." ޝަފީގު ބުންޏެވެ.
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ މީޑިޔާ ކޯޑިނޭޓަރު އަހްމަދު ޒާހިރު ބުނީ އެތަނުގެ މުވައްޒަފުންތަކެއް މުޒާހަރާ ކުރަމުންދާކަން އެނގިފައިނުވާ ކަމަށެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް 2010 ވަނަ އަހަރު އުފެއްދި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ އިސް ބައެއް ބޭފުޅުން ކުންފުންޏަށް ގެއްލުންވާ ގޮތަށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުން ގެންދަވާ ކަމަށްބުނެ ގއ. އަތޮޅު ކައުންސިލަރަކު ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއަށް މިދިޔަ އަހަރު ހުށަހަޅައިފަ އެވެ.