10 Nov 2021, 13:30
ކޮވިޑް-19 ޖެހުނު ދެ މަހުގެ ކުއްޖަކު މަރުވެއްޖެއެވެ.
"ސަން"އަށް އެނގިފައިވާގޮތުގައި މިއަދު މަރުވެފައިވަނީ ފިރިހެން ކުއްޖެކެވެ. އަދި އެއީ ކޮވިޑް މަރެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިފި ނަމަ އެވާނީ ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވި އެންމެ ހަގު ކުއްޖާއަށެވެ.
އެޗްޕީއޭއިން ބުނީ ތުއްތު ކުއްޖާގެ ހަށިގަނޑު މިހާރު އޮތީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށެވެ. ނަމަވެސް ކުއްޖާ އެތަނަށް ގެންގޮސްފައި ވަނީ މަރުވި ފަހުން ކަމަށް އެޗްޕީއޭގެ އޮފިޝަލް ވިދާޅުވިއެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީއަކީ ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ތަނެކެވެ.
އެ ތުއްތު ކުއްޖާގެ މަރާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 247އަށް އަރާފައެވެ.
މިއީ މިމަހުގެ ހަތަރު ވަނަ ކޮވިޑް މަރެވެ. އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވެފައިވަނީ 84 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވީ އިއްޔެ މެންދުރު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން އިއްޔެ ހާމަކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 160 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 2،080އެވެ.
މި ބަލީގައި މިހާރު ވެސް 13 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ އިރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 89،126 އަށް އަރައިފައެވެ. މީގެ ތެރެއިން 86،787 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.