10 Nov 2021, 13:11
މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލް ހަމަޖައްސައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް އިއުލާނު ކުރުމުން ޖުމްލަ 511 މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ އެސްޖީ ކަމަށް ކުރިމަތިލާފައިވަނީ 23 މީހެކެވެ.
ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން, އެ މަގާމު ލިބިފައިވަނީ މުޖުތަބާއަށެވެ. އަދި ރަސްމީ މަސައްކަތަށް އިއްޔެ އިން ފެށިގެން މުޖުތަބާ ނިކުންނަން ފަށާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އިދިކޮޅުގެ ފުރިހަމަ އަގްލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މުޖުތަބާ އައްޔަނުކޮށްފައިވާއިރު, އޭނާ ވަނީ ޕީޕީއެމްގެ ވެރިކަމުގައި އެންސްޕާގެ ސީއީއޯގެ މަގާމު ފުރުއްވާފައެވެ. އަދި ފަހުން ސީއީއޯ ކަމުން ވަކިކޮށް މުޖުތަބާ އައްޔަނުކުރީ އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށެވެ. ނަމަވެސް އޭގެ ދެމަހެއްހާ ދުވަސް ފަހުން މުޖުތަބާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުސާރައިގެ ގޮތުގައި މުޖުތަބާއަށް 20،500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު އެކު ޖުމުލަ 35،500 ރުފިޔާ ލިބޭނެއެވެ.