03 Mar 2012, 14:26
މިދިޔަ ބުރާސްފަތި ދުވަހު މާލެތެރޭގައި އެމްޑީޕީން ކުރަމުން ދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ސީރިއަސް އަނިޔާއެއް ލިބިގެން ސްރީލަންކާއަށް ފޮނުވާލި ފުލުސް މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހަށް ވަޑައިގަތުމުން، މަޖިލީސް ކައިރިއަށް އެއްވާން މަސައްކަތް ކުރި ބަޔަކު ވުޑް އެޕަލް ރެސްޓޯރެންޓް ކައިރިން ހުއްޓުވުމަށް ހަރަކާތްތެރިވި ފުލުހުންގެ ތެރެއަށް ބަޔަކު އެއްލި އެއްޗަކުން ޖެހި ސީރިއަސް އަނިޔާއެއް ލިބިފައި ވަނީ ކޮންސްޓަބަލް މުހައްމަދު ޝަކީލަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސިޔާމް މިއަދު ވިދާޅުވީ އެ މައްސަލާގައި ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާއެއް ލިބުނު ފުލުހުން މީހާގެ ބޮލުގައި ޖެހިފައިވަނީ ސީދާ ކޮން އެއްޗަކުން ކަމެއް އަދި އެނގިފައިނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބައެއް މީހުން އެ ސަރަހައްދުންވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންނާއި ދިމާލަށް ގަލާއި ލަޓިބުރިއާ ލަކުޑިބުރިތައް ދިޔައީ އުކަމުން. އެހެން ސީދާ ބޯފަޅައިގެން ދިޔަ ގޮތެއް އަދި ނޭނގޭ،" ޝިޔާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ހަމަޖެހިފައި އޮތް ދުވަހު އެމްޑީޕީން ކުރި މުޒާހަރާތައް ކޮންޓްރޯލްކުރަމުން ދިޔަ ފުލުހުންގެ ތެރެއިން 14 ފުލުހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.