10 Nov 2021, 12:06
ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ގޮފިތައް އުވާލުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަތަރު ބިލެއް ހުށަހެޅުމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ވަނީ ރައީސް އޮފީހަށް މިއަދު ފޮނުވާފައެވެ. އޭގެ ތެރޭގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހިމެނެއެވެ.
އެ ބިލިގައި ވަނީ, ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމުގެ އިތުރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް އިތުރު އިސްލާހުތައް ގެނައުމަށް ހިމަނާފައެވެ.
އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައި ހައިކޯޓުގެ ދެ ގޮފި ގާއިމްކޮށްފައިވަނީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައެވެ.
އޭޖީ އޮފީހުން ދެން އިސްލާހު ގެންނަން ނިންމާފައިވާނީ, ފަނޑިޔާރުންގެ ގާނޫނާއި, ފެނާއި ނަރުދަމާގެ ގާނޫނަށެވެ. އަދި ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުމާއި ގުޅޭ ބިލެއް ވެސް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.
ވިހެއުމާއި ގުޅިގެން ފަނޑިޔާރުންނަށް ލިބޭ ޗުއްޓީ އެކަށީގެންވާ މުއްދަތަކަށް ދިގުކުރުމަށް ފަނޑިޔާރުންގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
ފެނާއި ނަރުދަމާގެ ގާނޫނު ތަންފީޒުކުރުމަށް އެންވައިރުމެންޓް މިނިސްޓްރީއަށް ދިމާވާ އިދާރީ ދަތިތައް ހައްލުކުރުމަށް, ފެނާއި ނަރުދަމާގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުން ހުއްޓުވުމުގެ ބިލެއް ހުށަހަޅާފައިވަނީ, ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގްވާމީ ވިޔަފާރީގެ ސަބަބުން ނެތިދިޔުމުގެ ބިރު ހީވެފައިވާ އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓްކުރެވޭ ޖަނަވާރާއި ގަސްގަހާގެއްސާއި އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެ ތަކެތީގެ ވިޔަފާރިކުރުމާއި އެތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ހުށަހަޅާ ބިލެއް," އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 32 ބިލެއް ހުށަހަޅަން ނިންމައިފައިވެއެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކަށް ހާއްސަ ބިލުތައް ހިމެނެއެވެ.