އިންޑިއާ އާއި ރާއްޖެއާ ދެމެދު ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގާއިމްކޮށްފައިވާ ފަހުމުނާމާގެ ދަށުން ރާއްޖޭގެ 14 ޒުވާނުން ހިމެނޭ ވަފްދެއް މިއަދު އިންޑިއާއަށް ފުރައިފިއެވެ.

މިއީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރާ ދަތުރެކެވެ. އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތު އެފެއަރޒް އެންޑް ސްޕޯޓްސްއިން ރާވާފައިވާ މި ދަތުރުގައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީ އާއި އުދައިޕޫރު އަދި އާގަރާ ހިމެނޭ ގޮތަށް އެކި ސިޓީތަކަށް ޒިޔާރަތްކުރާނެއެވެ.

މި ދަތުރުގެ ތެރެއިން ދަނޑުވެރިކަމާއިބެހޭ ޔުނިވަރސިޓީއަކަށް ޒިޔާރަތްކޮށް ސައިންޓިސްޓުން އަދި ދަރުވަރުންނާއި ބައްދަލުކޮށް ތަފާތު ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކުރަން މި ވަފްދުން ދަސްކުރާނެއެވެ.

އަދި އިންޑިއަން އިންސްޓިޓިއުޝަަން އޮފް މެނޭޖްމަންޓްގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް އިންޑިއާގެ ޒުވާނުންގެ ވިޔަފާރީތައް އަދި އިންޑިއާގެ ސްޓާޓް އަޕް އިކޯސިސްޓަމްގެ މައުލޫމާތު ވެސް ރާއްޖޭގެ ޒުވާނުން ހޯދާނެއެވެ.

މީގެއިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮަށް އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ބައްދަލުކުރުމުގެ އިތުރުން ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީސް އަދި ކްލަބް ހައުސަސްއަށް ވެސް ރާއްޖޭގެ ޒުވާނުންގެ ވަފްދުން ޒިޔާރަތްކުރާނެއެވެ.

ހަމައެހެންމެ މިވަފްދުން ރާއްޖެ އާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ވެސް ދޭނެއެވެ. އަދި އިންޑިއާގެ ސަގާފަތާއި އާދަކާދަތަށް ބަލާލައި އަދި ތާރީޚީ އަދި ޓުއަރިސްޓު ތަންތަނަށްވެސް ޒިޔާރަތްކުރާނެއެވެ.

މީގެ ކުރިން 2018 ވަނަ އަހަރުގެ މާރިޗު މަހު ވެސް މިފަދަ ދަތުރެއްގައި ރާއްޖޭގެ ޒުވާނުންގެ ވަފްދެއް އިންޑިއާއަށް ޒިޔާރަތްކޮށްފައިވެއެވެ.