ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން ބޭންކް އޮފް މޯލްޑިވްސުން ނަގާފައިވާ ފަސް ލޯނަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާވާ 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ފުނައްޑޫ އިން ނަގާފައިވާ ލޯނުތަކަށް ގެރެންޓީ ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި މ. ރަފީގުގޭ، އަހުމަދު ރަޝީދު އާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑެވެ.

ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފު އާއި ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި އަޒުމިރާލްދާ ޒާހިރު ސޮއިކުރައްވާ މިދިޔަ ހޯމަ ދުވަހު ކުރެއްވި ހުކުމްގައި ބުނަނީ އެ މައްސަލައިގައި "ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލުގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީކަމަށެވެ.

ފުނައްޑޫ އިން ނަގާފައި ވަނީ ޑިމާންޑް ލޯނުގެ ގޮތުގައި 35980000ރ. އާއި 3500000 ޑޮލަރުގެ ލޯނުތަކެކެވެ. އަދި އޯވާ ޑްރާފްޓް ފެސިލިޓީގެ ގޮތުގައި 10280000ރ. އާއި 12000000ރ. 1200000 ޑޮލަރު ނަގާފައިވެ އެވެ.

އެ ލޯނުތަކުގެ ތެރެއިން 35980000ރ. ގެ ޑިމާންޑު ލޯނަށް 32641081ރ. ވަނީ ނުދައްކާ އެވެ. އަދި 3500000 ޑޮލަރުގެ ޑިމާންޑު ލޯނަށް 3137911 ޑޮލަރު ވަނީ ނުދައްކަ އެވެ.

މީގެއިތުރުން 10،280،000ރ. އަދި 12،000،000ރ. ގެ އޯވާޑްރާފްޓް ފެސިލިޓީއަށް 26،590،653ރ. ނުދައްކާ އޮތްއިރު 1،200،000 ޑޮލަރުގެ އޯވާ ޑްރާފްޓް ފެސިލިޓީއަށް 1،438،755 ޑޮލަރު ނުދައްކާވެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހި ނުދައްކާ ފައިސާގެ ޖުމްލަ ރުފިޔާގެ 942،891 117ރ. އަރަ އެވެ.

އެ މައްސަލައިގައި ފެބްރުއަރީ ،7 2010 ގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނަނީ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ ފުނައްޑޫ އިން ރަހުނުކޮށްފައިވާ ރީތި ބީޗް ރިސޯޓާއި "މަޑިވަރު- 3" ޔޮޓު ބޭންކް އޮފް މޯލްޑިވްސް އާއި ހަވާލުކުރަން ޖެހޭނެ ކަމަށެވެ.