10 Nov 2021, 10:57
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފާއިތުވި ތިން އަހަރު ތެރޭގައި ދައުލަތުގެ ދަރަނި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ނުއުފުލޭ ވަރަށް އުފުލިފައިވާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓުގެ ކަންކަން އޮޅުން ފިލުވައިދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ތަފާތު އެކިއެކި ރިޕޯޓުތަކާއި ޗާޓުތައް ބޭނުންކޮށްގެން ދަރަނީގެ ހަގީގަތް އޮޅުވައިލަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އާންމުކޮށް ދަރަނި ރެކޯޑު ކުރަނީ ދަރަނި ޑިސްޕާސް ވުމުން ކަމަށެވެ. އަދި މިގޮތުން ބަލާނަމަ ކުރީގެ ސަރުކާރުގެ ދަރަނި ހުރީ މީގެ ކުރިން ދައުލަތުގެ ދަރަނި މަތި ނުވާހާ މިންވަރެއްގައި ކަން ފާހަގަކުރެއްވިއެވެ.
ދަރަނީގެ އަދަދުތައް މިނިސްޓަރު ހާމަކުރެއްވިއިރު، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މުޅި ޖުމްލަ ދަރަނި ހުރީ 6.2 ބިލިއަން ރުފިޔާގައި ކަމަށާއި އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ހަމައަށް އެ މަނިކުފާނުގެ ސަރުކާރުގެ ދަރަނި ހުރީ 11.3 ބިލިއަން ރުފިޔާގައި ކަމަށެވެ.
ހަމައެހެންމެ އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ވަހީދުގެ ވެރިކަމުގައި 6.2 ބިލިއަން ރުފިޔާގައި ކަމަށް ފާހަގަކުރެއްވިއެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަރަނި ހުރީ 39.6 ބިލިއަނަށް ދަރަނި އުފުލިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެކި ގޮތްގޮތުން އާޓިކަލްތަކެއް އެބަހެދޭ، ޗާޓުތަކެއް އެބަހެދޭ، އަޅުގަނޑު ހަމަ މީތި ކްލިއާކޮށްލަން ބޭނުން. ރައީސް ޔާމީންގެ ސަރުކާރުން، ޖުމްލަކޮށް އަޅުގަނޑުމެންނަށް ރެކޯޑު ކުރެވިފަ އެބަހުރި، ސީދާ ރައީސް ޔާމީންގެ ސަރުކާރަށް ނިސްބަތްވާ 39.6 ބިލިއަން ރުފިޔާގެ ދަރަނި." އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އެ ދަރަންޏަކީ ސީދާ ޑައިރެކްޓް ސަރުކާރުގެ ސެންޓްރަލް ގަވަމެންޓް ދަރަންޏާއި ސޮވްރިން ގެރެންޓީ ދަރަނި ކަމަށެވެ.
އެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ދަރަނި މިހާތަނަށް ހުރީ މި ސަރުކާރަށް ނިސްބަތްވާ 34 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ކޮންމެވެސް ވަރެއްގެ ދަރަންޏެއް ދައްކަން މިހާރު ވެސް އެމްއެމްއޭއަށް ހަވާލުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސައިންޑް ލޯންޑް އެގްރީމެންޓުތަކުގެ ދަރަނި ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ސަރުކާރުގައި 58.9 ބިލިއަން ރުފިޔާ، މި ސަރުކާރުގަ 51.1 ބިލިއަން ރުފިޔާ. އަޅުގަނޑު ހިތުން ވަރަށް ބޮޑަށް ކްލިއާ" އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ދަރަނި އެހާ މައްޗަށް އުފުލިފައިވަނީ ދުނިޔޭގެ ވެސް ރާއްޖޭގެ ވެސް އިގްތިސޯދު އެންމެ ރަނގަޅަށް އޮތް ދުވަސްވަރު ކަން ފާހަގަކުރައްވާ މި ސަރުކާރުގެ ދަރަނި އުފުލިފައިވަނީ ދުނިޔެ ނުދެކޭފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށެވެ.
މިނިސްޓަރު އަމީރު ވަނީ ސަރުކާރުގެ ދަރަނި އުފުލިފައިވަނީ ކޮވިޑް-19 މެނޭޖުކުރަން ކަމަށް ވެސް ވިދާޅުވެފައެވެ. ކުރިޔަށް އޮތް ތާނުގައި ފިސްކަލް ކޮންސަލްޑޭޝަން މެޝާސްތަކެއް ނަގައިގެން ދަރަނި ސަސްޓެއިނަބަލް ޕާތަކަށް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމައެހެންމެ 2023 ވަނަ އަހަރު ދަރަނި ގައުމީ އުފެއްދުން ތެރިކަމުގެ ނިސްބަތުން 105 އިންސައްތައަށް ތިރި ކުރުމަށާއި، ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓަށް ދަށް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.