10 Nov 2021, 10:48
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދުމަށް މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގައި މަގުމަތީ ބާޒާރު ބާއްވަން ބޭނުންވާ ފަރާތްތަކުން، އެކަމާ ބެހޭ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މާލޭ ސިޓީ ކައުންސިލަށްފޯމް ހުށަހަޅަންއެދޭކަމަށެވެ.
މަގުމަތީ ބާޒާރުގެ އުސޫލުގައި ވާގޮތުން، މަގުމަތީ ބާޒާރު ބޭއްވުމަށް ހުއްދަ ދެވޭނީ ސަރުކާރު ބަންދު ދުވަސްތަކާއި މާލެ ސިޓީ ކައުންސިލުން ކަނޑައަޅާ ދުވަސްތަކުގައެވެ.
މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަ ދޭން ނިންމާފައި ވަނީ އަމިއްލަ ކުންފުނިތަކާއި ވިޔަފާރީގައި ޝާމިލްވާ އަމިއްލަ ފަރާތްތަކުގެ އިތުރުން ކްލަބް ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ހުއްދަދޭ ފަރާތްތަކަށެވެ.
މަގުމަތީ ބާޒާރު ހިންގުމަށް ހުށަހަޅަނީ ވިޔަފާރިއަކުން ނަމަ، އެއީ 100 ޕަސެންޓް ދިވެހިން ހިންގާ، މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވާންޖެހެއެވެ. އަދި ހުށަހަޅާ ފަރާތަކީ އަމިއްލަ ފަރުދަކު ނަމަ، އެމީހަކީ މިފަދަ ކަމެއް ހިންގުމުގެ ތަޖުރިބާއާއި ގާބިލުކަން ހުންނަން ޖެހޭކަމަށް އެ އުސޫލުގައި ވެއެވެ.
މަގުމަތީ ބާޒާރު އިންތިޒާމު ކުރާ ފަރާތުން ޕްރޮސެސް ފީއެއްގެ ގޮތުގައި 20،000 ރުފިޔާ މާލެ ސިޓީ ކައުންސިލަށް ދައްކަން ޖެހޭނެ ކަމަށާއި ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 50،000 ދައްކަން ޖެހޭކަަމަށް ވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން މަގުމަތީ ބާޒާރުގައި ބައިވެރިވާ ކޮންމެ ސްޓޯލަކުން ފަސް ޕަސެންޓް މާލެ ސިޓީ ކައުންސިލަށް ދައްކަން ޖެހޭނެ ކަމަށެވެ.
މަގުމަތީ ބާޒާރު އިންތިޒާމު ކުރާ ފަރާތުން، ސްޓޯލް ނުވަތަ މޭޒު ވިއްކަން ވާނީ ބައިވެރިވާ ހުރިހާ ފަރާތަކަށް ހަމަހަމަވާ އުސޫލަކުން، ދުރާލައި އިއުލާނުކޮށް އަދި އެކަށީގެންވާ އަގެއްގައި ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ފެއާ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބޭއްވުމުގެ ހުއްދައަށް އެދޭ ފޯމް މާލޭ ސިޓީ ކައުންސިލުން ލިބެން ހުންނާނެ ކަމަށާއި، ރަސްމީ ދުވަސްތަކުގެ މެންދުރު ކުރި 10:00ން މެންދުރު ފަހު 1:00ށް ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.