އިންފްލޭޝަން ނުވަތަ މުދަލާއި ހިދުމަތުގެ އަގުތައް އަންނަ އަހަރު ތެރޭގައި ދަށް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވީ ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓާ ގުޅޭ ގޮތުން މެންބަރުންގެ ބަހުސްގައި ފާހަގަކުރެއްވި ބައެއް ކަންކަމަށް އިޝާރާތް ކުރައްވައެވެ.

ހޯމަ ދުވަހުގެ ބަޖެޓު ބަހުސްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ ރާއްޖޭގެ އިންފްލޭޝަން ރޭޓް އަންނަ އަހަރު ހުންނާނީ 1.1 ޕަސެންޓްގައި ކަމަށް ފިނޭންސުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ހަމައެހެންމެ އިންފްލޭޝަން 12 އިންސައްތައަށް އަރާނެ ކަމަށް ބަލައި، ދައުލަތުގެ ބަޖެޓު އެޑްޖަސްޓު ކޮށްފިނަމަ އަންނަ އަހަރުގެ ބަޖެޓް މި އަހަރަށް ވުރެން ގާތްގަނޑަކަށް 10 ޕަސެންޓް ކުޑަވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ މި ކަމަށް ސަރުކާރުން ވިސްނުމަށް ގޮވައިލައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ، ދުނިޔޭގެ އިގްތިސޯދު މިހާރު ބާރު ސްޕީޑުގައި ކުރިއަށް އަރަން ފަށައިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އިންފްލޭޝަން ރޭޓު ކުއްލިއަކަށް ވަރަށް މަތިވެފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"2020 ވަނަ އަހަރު ހުއްޓިފައި ހުރި އިގްތިސޯދުތައް ކުއްލިއަކަށް ހުރިހާ މަސައްކަތްތަކެއް ކުރެވި، ބާރު ސްޕީޑުގައި ކުރި އަރާ އެބަދޭ. މިއާއެކު އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ދުނިޔޭގެ ސަޕްލައި ޗޭނަށް ހިފަހައްޓައިނުލެވި މިވަނީ ކޮމޯޑިޓީސްގެ އަގު މަތިވެ، މުދާ ހޯދުމަށް އެބަ ދަތިތަކެއްވޭ،" އަމީރު ވިދާޅުވިއެވެ.

ރާއްޖެއަކީ އިމްޕޯޓު މުދަލަށް ބަރޯސާވެފައިވާ ގައުމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖޭގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށެވެ.

އެހެންނަމަވެސް މިއީ ވަގުތީ ޕްރެޝަރެއް ކަމަށް ތަޖުރިބާކާރުން ދެކޭ ކަމަށާއި މި އުފުލުން އަންނަ އަހަރަށް ތިރިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން މި އޮކްޓޯބަރު މަހު ނެރުނު އަންދާޒާއިން ވެސް ދައްކަނީ 2022 ވަނަ އަހަރު އިންފްލޭޝަން އަސްލު ދަށްވާނެ ކަމަށް. މި އަހަރު ތެރޭގައި މަތިވެފައި، މި އަންނަ އަހަރު ތެރޭ ދަށްވާނެ ކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.

އައިއެމްއެފްގެ ކޮމިއުޑިޓީ ފޯކާސްޓުގައި މިއަހަރުގެ ކޮމިއުޑިޓީ ޕްރައިސް އިންފްލޭޝަން 46 އިންސައްތައިގައި ހުރި ނަމަވެސް އަންނަ އަހަރު 1.2 އިންސައްތައަށް ވެއްޓޭނެ ކަމަށް ބުނެފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ފިނޭންސުން ވެސް ދެކެނީ އެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ މުދަލުގެ އަގު މަތިވާނަމަ ގޭބިސީތަކުން މުދަލާއި ހިދުމަތްތަކަށް ކުރާ ހޭދަ އިތުރުވާނެ ކަމަށާއި އެކަން ހައްލުކޮށް، ހިދުމަތްތަކުގެ އަގު ކުޑަކުރުމަށް ދައުލަތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިގޮތުން އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފަ އެބަހުރި، އިންޓަނެޓުގެ އަގު އެބަ ދަށްވޭ އަދި ބޭހުގެ އަގު ތިރިކުރުމަށް ޓަކައި 2022 ވަނަ އަހަރު ދައުލަތުން ފިޔަވަޅުތަކެއް އެޅުމަށް ރާވައިފައި އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ގޭބިސީތަކުން މުދަލާއި ހިދުމަތްތަކަށް ކުރާ ހަރަދު އަންނަ އަހަރު ހިފެހެއްޓޭނެ ކަމަށެވެ.