ދިމިޝްގު (10 ނޮވެމްބަރު) : ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމަށްފަހު އަރަބި ގިނަ ގައުމުތަކުން އެގައުމު ބޮއިކަޓްކޮށް އެކަހަރިކޮށްފައި ވަނިކޮށް ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ)ގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު ސޫރިޔާއަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިއީ 2011 ވަނައަހަރަށްފަހު އަރަބި ގައުމެއްގެ ޚާރިޖީ ވަޒީރަކު ސޫރިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ޔޫއޭއީ ގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު އިއްޔެ ސޫރިޔާއަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވަނީ ވެރިރަށް ދިމިޝްގުގައި ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިސަލް އަލްމިގްދާދުގެ އިތުރުން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު އާވެސް ބައްދަލުކުރައްވާފައެވެ.

މިއީ 2011 ވަނައަހަރު ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނުފަހުން އަރަބި ގައުމެއްގެ މިފެންވަރުގެ މަސްއޫލުވެރިއަކާ ރައީސް ބައްޝާރުލްއަސަދު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ޔޫއޭއީގެ ޚާރިޖީ ވަޒީރު އިއްޔެ ސޫރިޔާއަށް ވަޑައިގެންނެވިއިރު ޔޫއޭއީ ވަނީ ދާޚިލީ ހަނގުރާމައާ ގުޅިގެން ސޫރިޔާއާ ކަނޑާލި ގުޅުންތައްވެސް މިއަހަރުގެ ކުރީކޮޅު އަލުން އަނބުރައި އިއާދަކޮށްފައެވެ. އަދި ޔޫއޭއީ ވަނީ އެގައުމުގެ އެންބަސީވެސް ސޫރިޔާގައި އަލުން ހުޅުވައި ސޫރިޔާއާއެކު ވައިގެ ދަތުރުފަތުރާއި ވިޔަފާރީގެ މުއާމަލާތްތައްވެސް އަލުން ފަށާފައެވެ.

ބައްޝާރާއި އަބްދުﷲ ބިން ޒާއިދުގެ ރަސްމީ މަޝްވަރާތައް ކުރިޔަށްދަނީ

ދާޚިލީ ހަނގުރާމައާ ގުޅިގެން ސޫރިޔާއާ ގުޅުންތައް ކަނޑާލައި ދުޝްމަންކަން ކުރިޔަށް ނެރުނު އަރަބި ގައުމުތަކުގެ ތެރޭގައި ގިނައީ ގަލްފުގެ އަރަބި ގައުމުތަކެވެ. ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށްޓަކައި އެމެރިކާއާއި ޔޫރަޕާއި ތުރުކީގެ އެހީގައި ސޫރިޔާގައި ދާޚިލީ ހަނގުރާމަފެށި ސޫރިޔާގެ އިދިކޮޅު ސިޔާސީ ޖަމާއަތްތަކުގެ ހަނގުރާމަވެރިންނަށް މާލީގޮތުން އެންމެ ބޮޑަށް އެހީތެރިވި ގައުމުތަކަކީ ޔޫއޭއީ، ސައޫދީ އަރަބިއާ އަދި ގަތަރެވެ.

މި ތިން ގައުމުގެ ތެރެއިން ސައޫދީވެސް މިހާރުވަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމުގައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ނާކާމިޔާބުވީކަން ގަބޫލުކޮށް ސޫރިޔާއާ އަލުން ގުޅުންތައް ގާއިމްކޮށް އެންބަސީވެސް އަލުން ހުޅުވާފައެވެ. ނަމަވެސް ސައޫދީ އިސް މަސްއޫލުވެރިއަކު އަދި ސޫރިޔާއަށް ޒިޔާރަތް ކުރައްވާފައެއް ނުވެއެވެ.

ގަތަރަކީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް އެމެރިކާއާއި ޔޫރަޕާއި ތުރުކީ އާ ގުޅިގެން މަސައްކަތްކުރި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް އެންމެ ބޮޑަށް މާލީ އެހީތެރިކަން ފޯރުކޮށްދިންކަމަށް ސޫރިޔާ ސަރުކާރުން ތުހުމަތުކުރި ގައުމެވެ. ސައޫދީ އާއި ޔޫއޭއީ ސޫރިޔާއާމެދު ގެންގުޅުނު ހަރުކަށި ސިޔާސަތުތައް ބަދަލުކުރިނަމަވެސް ގަތަރުން އަދިވެސް ސޫރިޔާއާމެދު ގެންގުޅެނީ ކުރީގެ ހަރުކަށި ސިޔާސަތެކެވެ.

ގަތަރަކީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ޖަބްހަތުއްނުސްރާފަދަ ދީނުގެ ނަމުގައި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގާ ތަކްފީރީ ޖަމާއަތްތަކަށް އެހީތެރިވިކަމުގެ ތުހުމަތުވެސް އެންމެ ބޮޑަށް ކުރެވިފައިވާ ގައުމެވެ. ގަތަރުން އެކަން ދޮގުކޮށްފައި ވީނަމަވެސް ޖިހާދުގެ ނަމުގައި ދުނިޔޭގެ އެކި ގައުމުތަކުން ސޫރިއާއަށް ދާ ހަރުކަށި މީހުން ދަތުރުކޮށްފައިވަނީ ގަތަރު އެއާވެސްގައި ކަމާއި އެމީހުން ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިއާއަށް ވަންނަނީ ގަތަރު އެއާވޭސްގެ ބޯޓުތަކުގައި ތުރުކީއަށް ދިޔުމަށްފަހު ގައިކަންވަނީ ފަޅާއަރާފައެވެ. އަދި އެގޮތަށް ދާ މީހުން ޖަބްހަތުއްނުސްރާއާއި އައިއެސް އާ ގުޅިފައިވާކަންވެސް ރިޕޯޓްތަކުންވަނީ ހާމަވެފައެވެ.

ޔޫއޭއީ ގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު ސޫރިޔާއަށް ވަޑައިގަތުމުން އެމެރިކާ ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. އެމެރިކާއަކީ ސޫރިޔާގައި ދާޚިލީ ހަނގުރާމަފެށި އިދިކޮޅު ޖަމާއަތްތަކުގެ ފަހަތުގައިވާ އެންމެ ބޮޑު ގައުމެވެ. ބައްޝާރަކީ އަނިޔާވެރިއެއްކަމަށް އެެމެރިކާއިން ސިފަކުރާއިރު ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ފެންނަކަމަކަށް އެމެރިކާ ނުހަދައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައްޝާރުގެ ސަރުކާރަށް އެހީތެރިވީ ރަޝިއާ، އީރާން އަދި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުން ގެންދާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުންނެވެ. އަނެއްކޮޅުން ޔަހޫދީ އިސްރާއީލުން މިހާރުވެސް ގެންދަނީ ސޫރިޔާއަށް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އުދުވާނީ ހަމަލާތައް ދެމުންނެވެ.