ބްލެކްބާން ރޮވާސް އިން ރަޝިޔާގެ މުއްސަނދި ކުލަބު އަންޒީ އާއި ގުޅުނީ ފައިސާގެ ދަހިވެތި ކަމުގައި ނޫން ކަމަށް ކްރިސް ސަމްބާ ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ސަމްބާ ބްލެކްބާން އިން އަންޒީ އާއި ގުޅުނީ 12 މިލިޔަން ޕައުންޑަށެވެ. ސަމްބާ ގެ އިތުރުން ވެސް ގިނަ ކުޅުންތެރިންތަކެއް ހޯދުމަށް އަންޒީ އިން މަސައްކަތް ކުރާނެ ކަމަށް ވެސް ސަމްބާ ބުނެފައި ވެއެވެ.

"އަންޒީ އަކީ ކުޑަ ކުލަބަކަށް ވެދާނެ. އެކަމަކު އެކުލަބުގެ އަޒުމު ވަރަށް ވަރުގަދަ. އޭގެ އިތުރުން މިކުލަބުގައި ފައިސާ ވެސް އެބަހުރި. ނަމަވެސް އަހަރެން މިކުލަބާއި ގުޅުނީ ކޮންމެހެން ފައިސާ އަކަށް ނޫން. މިކުލަބުން ރޮބާޓޯ ކާލޯސް ، ޔޫރީ ޒިރްކޯވް އަދި ސަމުއެލް އެޓޫ ވެސް ގެނެސްފި." ސަމްބާ ބުންޏެވެ.

ބްލެކްބާން ގައި ސަމްބާ ހޭދަކުރީ ކާމިޔާބީ ދުވަސްތަކެކެވެ. އެގޮތުން ސަމްބާގެ ކެޕްޓަން ކަމުގެ ދަށުގައި ބްލެކްބާން އަށް އެދެވޭ ކާމިޔާބީ ތަކެއް ހޯދައިނުދެވުނު ކަމުގައި ވިޔަސް، އޭނާ އަކީ ނުރައްކާތެރި މިޑްފީލްޑަރެއްކަން ސާބިތު ކޮށްދީފައި ވެއެވެ.