10 Nov 2021, 08:00
އިންޑިއާގެ ހޮސްޕިޓަލެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި އަލަށް އުފަންވި ހަތަރު ކުއްްޖެއް މަަރުވެއްޖެއެވެ.
މި ހާދިސާ ހިނގައިފައިވަނީ އިންޑިއާގެ މަދްޔަ ޕްރަދޭޝް ސްޓޭޓްގައި ހުންނަ ބޯޕާލްގެ ނެހްރޫ ޗިލްޑްރަންސް ހޮސްޕިޓަލުގެ ނިއުބޯން ކެއާ ޔުނިޓުގައެވެ. މި ހާދިސާގައި އެ ތަނުގައި އޮތް ހަތަރު ކުއްޖެއް މަރުވެފައިވާއިރު ބާކީ 36 މީހުންވަނީ ސަލާމަތްކުރެވިފައެވެ.
"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ ގޮތުން ތަހުގީގުތައް ފެށުމަށްވާނީ އަންގާފައި، ތުއްތު ކުދިންތަކެއް މި ހާދިސާގައި ވަކިވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެއް،" މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ޗީފް މިނިސްޓަރު ޝިވްރާޖް ޗައުހާން ވިދާޅުވިއެވެ.
އެެއާއެކު ހާދިސާގައި މަރުވި ކުދިންގެ އާއިލާތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ހަތަރު ލައްކަ ރުޕީސް ދޭން ނިންމައިފައިވާކަމަށް ޗައުހާން ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅޭ ތަހުގީގުތައް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް މިކަމުގެ ސަބަބެއްގެ ގޮތުގައި މިވަގުތު ބެލެވިފައިވަނީ ކަރަންޓް ޝޯޓުވުމެވެ.
ފަހަކަށް އައިސް އިންޑިއާގެ ހޮސްޕިޓަލްތަކުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ހޮސްޕިޓަލުތަކުގައި ހިނގި އަލިފާނުގެ ހާދިސާތަކުގައު 71 މީހަކުވަނީ މަރުވެފައެވެ.