ބޮލީވުޑް ތަރިންގެ ތެރެއިން ޝާހްރުކް ޚާނަކީ އެންމެ ފޭނުން ގިނަ، އެންމެ ކާމިޔާބު، ކުޅަދާނަ އެކަކެވެ. އިންސްޓަގްރާމްގައި އޭނާގެ ފޮލޯވަރުންގެ އަދަދު 28 މިލިއަނަށް އަރާއިރު ދިރާސާތަކުން ދައްކާ ގޮތުގައި މުޅި ދުނިޔެއިން އޭނާގެ ފޭނުންގެ އަދަދު ހަތަރު ބިލިއަނާ ގާތްކުރެއެވެ.

ނަމަވެސް ޝާހުގެ ފޭނުން ސިއްސުވައިލީ މިދިޔަ މަހުގެ ތިންވަނަ ދުވަހު ޑުރަގު މައްސަލައެއްގައި ޝާހުރުކްގެ ދަރިފުޅު އާރްޔަން ޚާން ހައްޔަރުކުރި ޚަބަރާއެކުއެވެ. މިކަމުގެ ސަބަބުން ޝާހުއާއި އޭނާގެ އަނބިމީހާ މީސްމީޑިއާގައި މަޑުޖެހިލި ނަމަވެސް ޝާހުގެ ފޭނުން ދިޔައީ މައްސަލައިގެ ތަހުގީގުތަކުގެ ތަފުސީލްތައް އަދާހަމަކުރަމުންނެވެ. އަދި އޭނާއަށް ހަމްދަރުދީވެ، ހިތްވަރުދިނުމުގެ އެތައް ޕޯސްޓުތަކަކުން މުޅި މީސްމީޑިއާ ކަވަރުކޮށްލިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުގައި އޮތް އަޑުއެހުމަށްފަހު އާރްޔަން ކަފާލާތުގެ ދަށުން ދޫކޮށްލަން އަންގައި، އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ ގެއަށް ގޮސްފައެވެ. ގެއަށް ދިއުމުގެ ކުރިން ދިން އިންޓަވިއުއެއްގައި އާރްޔަން ބުނެފައިވަނީ ޖަލުން ސަލާމަތްވުމަށްފަހު އޭނާގެ އުޅުން އިސްލާހު ކުރާނެ ކަމަށާއި އެންމެ އިސްކަމެއް ދީގެން ދެން ކުރާނޭ ކަމަކީ ނިކަމެތިންނަށް އެހީތެރިވުން ކަމަށެވެ.

އާރްޔަންގެ ރަހުމަތްތެރިން ފާހަގަ ކުރާ ގޮތުން ޖަލުން ސަލާމަތްވުމަށްފަހު އާރްޔަންގެ ދިރިއުޅުމަށް ވަނީ ބަދަލު އައިސްފައެވެ. އަދި ކުރިއަށްވުރެ އޭނާގެ ބަސްމަދުކަމަށާއި މަޑުމައިތިރިކަމަށްވެސް އޭނާގެ އެކުވެރިން ބުނެއެވެ.

އާރްޔަންގެ މައްޗަށް ކުރި ތުހުމަތުގެ ސަބަބުން ޝާހުރުކް ޚާންގެ ފޭންބޭސް އަށް އެއްވެސް އަސަރެއް ކޮށްފައިވާ ކަމަކަށް ނުބެލެވެއެވެ. އާރްޔަންގެ އެ ނިންމުމުގެ ސަބަބުންވެސް ޝާހުގެ ފޭނުން އޭނާއަށް ތައުރީފުކޮށްފައިވެއެވެ. އަދި ޝާހު ފަދަ ތަރިއެއްގެ ފޭންބޭސް ގެއްލުމަކީ ވަރަށް ނާދިރުކަމެއްކަން އޭގެ ސަބަބުން ހާމަވެގެންދެއެވެ.