10 Nov 2021, 07:48
އިންސްޓަގްރާމްގެ އެކައުންޓެއްކަމަށްވާ "ޕްލާންޓް އަ ޓްރީ ކޯ" އިން، އެ އެކައުންޓަށް ފޮނުވާ ކޮންމެ ޖަނަވާރެއްގެ ފޮޓޯއަކަށް ގަހެއް އިންދައިދޭނެކަމަށް އެއްބަސްވެއްޖެއެވެ.
އެ އެކައުންޓަށް ޖަނަވާރުތަކުގެ ފޮޓޯ ފޮނުވުމަށް ހުޅުވައިލީ އިންސްޓަގްރާމްގެ މުޅިން އައު ފީޗާއެއްކަމަށްވާ "އެޑް ޔުއާސް" ބޭނުންކޮށްގެންނެވެ.
މިދިޔަ އަންގާރަ ދުވަހު ހެނދުނު އެ އެކައުންޓުން އެކަމަށް އެއްބަސްވެ ކުރި ޕޯސްޓަށް 10 މިނިޓް ތެރޭގައި މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އަދި އެ ޕޯސްޓު ޝެއާކުރި މީހުންގެ އަދަދު ހަތަރު މިލިއަނަށް އެރިއެވެ.
ނަމަވެސް ޕްލާންޓް އަ ޓްރީ ކޯއިން ވަނީ އެ އަދަދު މާ ގިނަވުމުން އެ ޕޯސްޓް ނަގާފައެވެ.
ހަމައެއާއެކު އެވަރަށް ގަސް އިންދުމުގެ ގާބިލުކަން އެކައުންޓުގެ ވެރިފަރާތުގެ ނެތްކަމަށާއި ގަސް އިންދަން ބޭނުންވާ ޖާގަވެސް ނެތް ކަމަށް އެމީހުން ފަހުން ބުނެފައިވެއެވެ. އޭގެ ސަބަބުން އެ އެކައުންޓަށް ފާޑުކިޔުން އަމާޒުވެ، ނުކުރެވޭ ވަރުގެ ކަންކަން ކުރަން ނޫޅުމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.
މިހާރު އެ ޕޯސްޓް ނެގުމަށް ފަހު، ޕްލާންޓް އަ ޓްރީ ކޯއިން ވަނީ ހަތަރު މިލިއަން ގަސް އިންދުމަށްޓަކައި ފަންޑުރެއިޒިން ޕުރޮގްރާމެއް ފަށައިފައެވެ. އަދި ފައިސާ އެއްކުރުމާ ބެހޭ ޕޯސްޓް އެ އެކައުންޓުގެ ސްޓޯރީގައި ހިއްސާކުރުމާއެކު ގިނަބަޔަކަށް ފެންނާނެހެން އެ ޕޯސްޓު ޝެއާ ކުރުމަށް އެ އެކައުންޓުން ވަނީ އެދިފައެވެ.