09 Nov 2021, 17:15
އިސްލާމް އާބާދު (9 ނޮވެމްބަރު) : ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އާއެކު ސުލްހަ ގާއިމްކުރުމަށް ޕާކިސްތާން ސަރުކާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން އެއްމަސްދުވަހުގެ މުއްދަތަށް ހަމަލާތައް ހުއްޓާލުމަށް ދެފަރާތުން އެއްބަސްވެއްޖެއެވެ.
މިކަން ހާމަކުރައްވަމުން ޕާކިސްތާނުގެ ސަރުކާރުގެ ތަރުޖަމާނެއްކަމަށްވާ ފަވާދް ޗައުދަރީ ވިދާޅުވީ ޕާކިސްތާން ތާލިބާން (ޓީޓީޕީ) އާއެކު ސުލްހަ ގާއިމްކުރުމަށް ބޮޑުވަޒީރު އިމްރާންޚާންގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި މެދުވެރިއެއްގެ ބައި އަދާކުރަނީ އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރާ އަފްޣާން ތާލިބާން ޖަމާއަތުގެ ސަރުކާރުން ކަމުގައެވެ.
ތާލިބާން ސަރުކާރު މެދުވެރިއެއްގެ ބައި އަދާކޮށްގެން ޕާކިސްތާން ސަރުކާރާއި (ޓީޓީޕީ) ގެ މަންދޫބުން ކުރި މަޝްވަރާތަކުގައި މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައިވަނީ އެއްމަސްދުވަހަށް ހަމަލާތައް ހުއްޓާލުމަށްކަން ޗައުދަރީ ފާހަގަ ކުރެއްވިއެވެ. ދެފަރާތުގެ މަޝްވަރާތަކުގެ އަމާޒަކީ "ޓީޓީޕީ" އިން ހަތިޔާރު ދޫކޮށް ޕާކިސްތާނުގެ ދައުލަތާ ސުލްހަވުމާއި ސިޔާސީ ހަރަކާތަކަށް އެޖަމާއަތް ބަދަލުކުރުމަށް މަގިފަހިކުރުން ކަމަށާ މިހާރުގެ މަޝްވަރާތަކަކީ މިކަމުގެ ފެށުންކަމަށް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާން ތާލިބާން ނުވަތަ "ޓީޓީޕީ" އަކީ 2007 ވަނަހަރު ޕާކިސްތާނުގައި އުފެދުނު ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ހަރުކަށި ތަކްފީރީ ވިސްނުމުގެ ހަނގުރާމަވެރި ޖަމާއަތެކެވެ. ޕާކިސްތާނުގައި އިސްލާމީ ޝަރީއަތް ގާއިމް ކުރުމުގެ ނަމުގައި ހަތިޔާރާއެކު ހަރަކާތްތެރިވާ އެޖަމާއަތަކީ އިސްލާމްދީނުގެ އުސޫލުތަކާ އަދި އިސްލާމީ ޝަރީއަތާ މުޅިން ޚިލާފަށް ޓެރަރިސްޓް ހަމަލާތައް ދީގެން ކުށެއްނެތް މީހުން މަރައި ބިންމަތީގައި ފަސާދަ ކުރަމުން ގެންދާ ނުރައްކާތެރި ޖަމާއަތެކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން
"ޓީޓީޕީ" ގެ ޓެރަރިސްޓް ހަމަލާތަކުގައި ދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން ޕާކިސްތާނުގެ ކުށެއްނެތް އެތަށް ހާސް ބަޔަކު މަރާލާފައިވާއިރު އެޖަމާއަތުގެ ހަރަކާތްތައް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައިވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވެފައެވެ.
ޕާކިސްތާންގެ ގައުމީ ސަލަމާތާބެހޭ މަސްއޫލުވެރިންނާއި އެގައުމުގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނަށް ދާޚިލީ ގޮތުން ކުރިމަތިވެފައިވާ އެންމެބޮޑު ނުރައްކަލަކީ "ޓީޓީޕީ" ގެ ހަރުކަށި ފިކުރާއި އެޖަމާއަތުގެ ހަނގުރާމަވެރިންނެވެ. "ޓީޓީޕީ" އާއެކު ސުލްވުމަށާއި އެޖަމާއަތުގެ އަތުން ހަތިޔާރު ނިގުޅައިގަތުމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ސަރުކާރުންވެސް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެކަންވަނީ ނާކާމިޔާބުވެފައެވެ.
ޕާކިސްތާން ތާލިބާން ނުވަތަ "ޓީޓީޕީ" އާއި އަފްޣާނިސްތާނުގައި މިހާރު ވެރިކަންކުރާ ތާލިބާން ޖަމާއަތަކީ ފިކުރީގޮތުން އެއްގޮތް ކަންތައްތަކެއް ހުރި ދެ ޖަމާއަތެވެ. އަދި "ޓީޓީޕީ" އާއި އަފްޣާން ތާލިބާން ޖަމާއަތާ ގުޅުންތައްވެސް އޮވެއެވެ. ނަމަވެސް ޓެރަރިސްޓް ހަމަލާތައްދިނުމުގައި އެދެޖަމާއަތުގެ ހަރަކާތްތައް ވަރަށް ބޮޑަށް ތަފާތެވެ. ދީން ހަތިޔާރަކަށް ހަދާމިންވަރަށް ބަލާއިރުވެސް "ޓީޓީޕީ" އަކީ އަފްޣާން ތާލިބާނުންނަށްވުރެ މާ ހަރުކަށި އަދި މާ އަނިޔާވެރި ތަކްފީރީ ޖަމާއަތެކެވެ.
"ޓީޓީޕީ" އާއި ޕާކިސްތާން ސަރުކާރާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފެށީ މިދިޔަ މަހުއެވެ. މިމަޝްވަރާތައް ކުރިޔަށް ދިޔަކަމާއި އެއްމަސްދުވަހަށް ހަމަލާތައް ހުއްޓާލުމަށް ނިންމިކަން "ޓީޓީޕީ" ންވެސްވަނީ ކަށަވަރުކޮށް ދީފައެވެ. އަދި "ޓީޓީޕީ" އާއި ޕާކިސްތާން ސަރުކާރުންވެސްވަނީ ހަމަލާތައް ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.
"ޓީޓީޕީ" ގެ ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލައިފިނަމަ ސަލާމަތީގޮތުން ހިންދެމިލުމުގެ ވަރަށް ބޮޑު ފުރުސަތެއް ޕާކިސްތާނަށް ލިބިގެންދާނެއެވެ. އަދި ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކޮށް ފުދުންތެރި ގައުމަކަށް ވުމަށް ޗައިނާގެ އެހީގައި އެގައުމުން ހިންގާ މަޝްރޫއުތައް ކާމިޔާބުވުމުގެ ފުރުސަތުވެސް މިކަމުގެ ސަބަބުން މިހާރަށްވުރެ ބޮޑަށް ޕާކިސްތާނަށް ފަހިވާނެއެވެ.
މީގެއިތުރުން ޕާކިސްތާނުގައި އިންވެސްޓް ކުރުމަށް ބޭރުގެ އިންވެސްޓަރުން ނަށް މިހާރަށްވުރެ ބޮޑު ރައްކާތެރި ކަމެއް ލިބިގެންދާނެކަމަށް ޕާކިސްތާންގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ.