ބާސެލޯނާގެ ކުރީގެ ތަރި ރޮނާލްޑީނިއޯ، ސަންޓޯސްގެ ބްރެޒިލް ފޯވާޑް ނޭމާ އަށް ބާސެލޯނާ އާއި ގުޅުމުގެ ޚިޔާލު ދިން ކަމަށް ނޭމާ ބުނެފި އެވެ.

ބާސާ އަށް ކުޅުނު ފަސް އަހަރު ދަވަހުގެތެރޭ ރޮނާލްޑީނިއޯ ވަނީ ދެފަހަރެއްގެ މަތިން ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ. ބާސާގެ ކަންތައްތައް ރޮނާލްޑީނިއޯ ވަރަށް ރަނގަޅަށް ކިޔައިދިން ކަމަށް ނޭމާ ބުނެފައި ވެ އެވެ.

"ރޮނާލްޑީނިއޯ ދެމުންދާ އިރުޝާދުތައް އަހަރެން ވަރަށް ކަނުލާ އަޑު އަހަން. ބާސާގެ ހުރިހާ ކަމެއް ވެސް ވަރަށް ސާފުކޮށް އޭނާ ކިޔައިދިން. އެކުލަބާއި ގުޅުމުގެ ޚިޔާލު ވެސް ދިން. އެއީ މޮޅު ކުޅުންތެރިންތަކެއް ހިމެނޭ މޮޅު ކުލަބެއްކަން އަހަރެންނަށް އެނގޭ." ނޭމާ ބުންޏެވެ.

ސަންޓޯސް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ނޭމާ އާކުރީ ދާދި ފަހުންނެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން އެކުލަބާއި އެކު 2014 ވަނަ އަހަރާއި ޖެހެންދެން ހުންނާނެ ކަމެވެ. ކޮންޓްރެކްޓް އާކުރުމުން ނޭމާ ހޯދުމަށް މަސައްކަތް ކުރާ ކުލަބުތަކަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިވެފައި ވެ އެވެ.