09 Nov 2021, 17:10
ކޮޕް26 ސަމިޓުގެ ތެރެއިން މިނިސްޓަރުންގެ ބައްދަލުވުންތަކުގެ ރިޔާސަތު އެންވަޔަރަމަންޓް މިނިސްޓަރު އަައިމިނަތު ޝައުނާއާ ހަވާލުކޮށްފިއެވެ.
މިނިސްޓަރު ޝައުނާއަށް ރިޔާސަތު ހަވާލުކޮށްދެއްވައި ބައްދަލުވުންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮޕް26 ސަމިޓުގެ ރައީސް އަލޯކް ޝަރްމާއެވެ.
މި މަސައްކަތުގެ ދަށުން ޕެރިސް އެގްރީމަންޓުގެ ދަށުން އެއްްބަސްވި ކަންކަން ތަންފީޒުކުރުމަށް އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި ބައިނަލްއަގްވާމީ ދުނިޔެއިން އެއްބަސްވެ ލަނޑުދަނޑިތަކެއް ކަނޑައެޅުން ވެސް ހިމެނެއެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތަށް ފައިސާ ހޯދޭނެ މަގުތައް ހޯދުން ވެސް ހިމެނެއެވެ.
ރިޔާސަތުގައި މިނިސްޓަރު ޝައުނާއެކު މަސައްކަތްކުރައްވާނީ ސްޕެއިންގެ އިކޮލޮޖިކަލް ޓްރާންސިޝަން މިނިސްޓަރު ތެރީސާ ރިބެރާއެވެ.
ރާއްޖެއިން ވަނީ ކޮޕް26 ސަމިޓުގައި ބައިވެރިވެފައެވެ. އަދި މިފަހަރު އޮތް ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވާހަކަފުޅުދައްކަވައިފައިވެއެވެ. އެމަނިކުފާނު ވަނީ ރާއްޖެއަށް އެތައް ގޮތަކުން ހުރި ދަތިތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ކުރިއަށް އޮތް ގަރުނެއްގެ ތެރޭ ރާއްޖެ ނެތި ދިޔުމުގެ ބިރު އޮތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުދި ގައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިކަން ބޭނުންވާކަމަށާއޮ އެ އެހީ ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
މިފަހަރުގެ ސަމިޓުގައި 190 އަށްވުރެ ގިނަ ގައުމުން ވަނީ ބައިވެރިވެފައެވެ. މި ސަމިޓު އޮތީ ސްކޮޓްލޭންޑްގެ ގްލާސްގޯގައެވެ.