09 Nov 2021, 13:53
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސް ސޯލިހު ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ލަންކާގެ ރައީސްއާ ބައްދަލު ކުރައްވައި ދެ ޤައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
ހަމައެހެންމެ މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވަޑައިގަނެފައިވެއެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މޫސުން ގޯސްވެ މުބާރާތް ފެށުން ވަނީ ލަސްވެފައެވެ.
ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިރޭ ފެށުމަށް ތައްޔާރުވި ފޯ ނޭޝަންސް ކަޕަކީ ފީފާ ކަލަންޑަރުގެ ތެރެއިން އެގައުމުގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 19 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ އިރު، ފައިނަލް މެޗުގެ ހާއްސަ މެހެމާނަކަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސް ވަނީ ދާދި ފަހުން ސްކޮޓްލެންޑަށާއި ދުބާއީ އަށް ވެސް ރަސްމީ ދަތުރުފުޅުގައި ޒިޔާރަތް ކޮށްފައެވެ. އަދި ސްކޮޓްލޭންޑްގެ ކޮޕް26 ސަމިޓުގައި ބައިވެރިވެ ވަޑައިގެން ރައީސް ވަނީ މޫސުމީ ބަދަލުތަކާ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޭނުންވާ އެހީއާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ.