އިއްޔެ ފ. ނިލަންދޫގައި ރުކަކަށް އަރައި އުޅެނިކޮށް ވެއްޓި ބޮޑެތި ޒަހަމްތަކެއްވި އުމުރުން 22 އަހަރުގެ ޒުވާނާގެ މައިބަދަ އިން ބަދައެއްގައި ރެނދުލައި މޭކަށިގަނޑު ދެތަނުން ބިންދައިގެން ގޮސްފައިވާ ކަމަށް އާއިލާ އިން މިއަދު ބުނެފިއެވެ.

އާއިލާ އިން ބުނީ އިރުފާން ގެ ބިންދައިގެން ދިޔަ ފައިގެ އޮޕަރޭޝަން މިއަދުގެ ވަގުތެއްގައި ކުރަން ހަމަޖެހިފައިވާ ކަމަށާއި ޑޮކްޓަރުން ބުނިގޮތުގައި އެތެރެ ހައްޓަށް ބޮޑެތި ޒަހަމްތަކެއް ވެފައިވާ ކަމަށެވެ.

"މިހާތަނަށް އޭނާގެ ވަރަށް ގިނަ ޓެސްޓުތައް ހަދައިފި. ބައެއް ޓެސްޓުތަކުގެ ނަތީޖާ އިން ބުނާގޮތުން މައިބަދަ އިން ބަދައެއްގައި ވަނީ ރެނދުލާފައި. މޭ ކަށިގަނޑުގެ ދެ ތަނުން ބިންދައިގެން ދިޔަ'" އާއިލާގެ މެންބަރަކު ބުންނެވެ.

އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވެފައިވާއިރު މިހާރު އަންނަނީ ލޭ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އާއިލާ އިން ބުނެއެވެ.

އުމުރުން 22 އަހަރުގެ އިރުފާން ވެއްޓުނީ ދިގުމިނުގައި ފަންސާސް ވަރަކަށް ފޫޓް ހުންނަ ރުކެއްގެ ކުރީގައި އޮއްވަ އެވެ.

އޭރު އިފްރާނަށް ބޭރުފުށުން ލިބިފައިވާ ހުރި އަނިޔާތަށް ފެންނަން ހުރި ގޮތުގައި އޭނާގެ މޫނުގެ ތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި އޭނާގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ.

ފ. އަތޮޅު ހޮސްޕިޓަލުން އިރުފާނަށް ލިބުނު އަނިޔާތަކަށް ދޭނެ އެންމެ އެކަށީގެންވާ ފަރުވާ ނެތުމުން، އިތުރު ފަރުވާ ދިނުމަށް މާލޭ، އައިޖީއެމް ހޮސްޕިޓަލަށް ގެނެވުނުއިރު އޭނާގެ އަނގައިންނާއި ނޭފަތުން ވަރަށް ގިނައިން ލޭ ފައިބާ ލޭ މަނާނުކުރެވުނެވެ.

އެހެންނަމަވެސް މިހާރު ލޭ މަނާވެފައިވާ ކަމަށާއި ކޮންމެވެސް ވަރަކަށް އިރުފާން ގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުންނަށް ހަވާލާދީ އާއިލާ އިން ބުންޏެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު "ސަން"އަށް ވިދާޅުވީ އެ ރަށު އަހިމާގެ، އުމުރުން 22 އަހަރުގެ އަހްމަދު އިރުފާން ނަމަކަށް ކިޔާ އެ ޒުވާނާ ރުކުން ވެއްޓުނީ އިއްޔެ ހެނދުުނު 9:30 ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ އިރުފާނަކީ އާންމުކޮށް ރުއްރުކަށް އަރައި އުޅޭ މީހެއް ކަމަށާއި އޭނާ ވެއްޓުނީ އެ ރަށު މީހުން ދިރިއުޅޭ ސަރަހައްދުގެ ގޯއްޗެއްގެ ތެރޭގައި ހުރި ރުކަކަށް އަރައި އުޅެނުކޮށް ކަމަށެވެ.

އިރުފާނުގެ ފައި ބިންދައިގެން ގޮސްފައިވަނީ ފައިގެ ކުޑަ ހުޅުން ތިރިކަމަށް އާއިލާ އިން ބުނެފައިވެއެވެ.

އާއިލާ އިން ބުނީ މިހާތަނަށް އޭނާގެ ވަރަށް ގިނަ ޓެސްޓުތައް ހަދާފައިވާ ކަމަށާއި ބައެއް ޓެސްޓުތަކުގެ ނަތީޖާ އިން ބުނާގޮތުން މައިބަދަ އަށް ޒަހަމްތަކެއް ލިބިފައިވެއެވެ.

އާއިލާ އިން ޑޮކްޓަރުންނަށް ހަވާލާދީ ބުނެފައިވަނީ އަދި އުންމީދު އެބައޮތް ކަމަށާއި ކުރިއަށް ވުރެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.