ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެއުމަށް ރައީސް ޑރ. ވަހީދަށް ފުރުސަތު ނުދިނުމަށް އެމްޑީޕީ ޕާލަމަންޓްރީ ގުރޫޕްގެ މެންބަރުން އެޅުއްވި ހުރަސްތަކާ އެކު މަޖިލީހުގެ ޖަލްސާތައް ކެންސަލް ކޮށްފައި ވަނީ މަޖިލީހު ރައީސް އަބްދުﷲ ޝާހިދު އަމިއްލަ އެދުން ފުޅުގެ ދަހިވެތި ކަމުގަ ބާ އެވެ؟ އެ ސުވާލު ވަރަށް ގިނަ ފަރާތްތަކުން ކުރެ އެވެ. އަދި ބައެއް ސިޔާސީ ބޭފުޅުން އެހެން ވިދާޅުވެ އެވެ.

މިހާރުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންގެންދާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓް މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ރައީސް ޝާހީދަށް ސަލާމާތީ ހުރިހާ ބާރުތަކުގެ އެހީ ލިބިފައިވަނިކޮށް މަޖިލީހުގެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، މަޖިލީސް ކެންސަލް ކުރުމުގެ ފަހަތުގައި ޝާހިދާއި އެމްޑީޕީ މެންބަރުންނާއި ދެމެދު "ފޮރުވިފައިވާ ރޭވުން ތަކެއް"ވާ ކަމަށެވެ.

އަދި މިދިޔަ ބުރާފަތި ދުވަހު މަޖިލީސް ހުޅުވުމުގެ ގޮތުން ބޭއްވުމަށް މަސައްކަތްކުރި ޖަލްސާ ކެންސަލް ކުރެއްވުމުގެ ފޮރުވިފައިވާ ހަގީގަތަކީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެމްޑިޕީން ގޮވާލާފައިވާ ފަދައިން އަވަސް އިންތިހާބަކަށް ދިއުމަށް ރައީސް ވަހީދަށް ޕްރެޝަރު ކުރެއްވުން ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރައްވަ އެވެ.

ޝާހިދަކީ އެމްޑީޕީގެ "އަޅަކަށް" ވެފައި ކަމަށާއި ޖަލްސާ ކެންސަލް ކުރެއްވީ އެފަދަ އެއްވެސް ހާލަތެއް އައިސްގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޕީޕީއެމް އަށް ނިސްބަތްވާ، ޕާލަމެންޓްގެ ބައެއް މެންބަރުން ބުނަމުންދާ އިރު ފާހަގަ ކުރާ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ސަލާމަތީ ބާރުތައް މަޖިލީސް ކުރިއަށް ގެންދިއުމަށް ފުރިހަމައަށް އޮތްއިރު މަޖިލީހު ޗެމްބަރު ތެރެއަށް ޝާހިދަށް ވަދެވަޑައިނުގަނެވުނީ ހަމަ ހަގީގަތުގައިވެސް އެފުރުސަތު ނެތިގެންތޯ އެ މެންބަރުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާ ކެންސަލް ކުރުމުގައި ޝާހިދުގެ ފަރާތުން ފެނިގެން ދިޔައީ "ފިނޑި" އަމަލުތަކެއްގެ ކަމަށެވެ.

"ޝާހިދު މަޖިލީހުގެ ޖަލްސާ ނުބާއްވަން ނިންމެވީ ހަމަ ގަސްތުގައި. ޝާހިދަށް މަޖިލީސް ކުރިއަށް ގެންދިއުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ނަމަ. ނުވަތަ އެ ޒިންމާ އުފުލުމަށް ފަސްޖެހިވަޑައިގަންނަވާ ނަމަ އެކަން މަޖިލީސް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ހަވާލު ކުރައްވަންވީ ނޫން ތޯ؟" މަހުލޫފު ސުވާލު ކުރެއްވެވި އެވެ. "އެމްޑީޕީން ގޮވަމުން ދަނީ އަވަސް އިންތިހާބަކަށް! އެހެން ކަމުން އަވަސް އިންތިހާބަކަށް ދާން ޖެހޭނެ ނަމަ ދެން ވެރިކަމާ ހަވާލުވާން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް. އެހެންވީމާ ހީފުޅުކުރައް ވަނީ ކަންނޭނގެ ވެރިމަށް އަރާވަޑައިގެންނެވި ދާނެއޭ އެގޮތަށް!"

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ވާހަކަފުޅު ވެސް ހުރީ މި މޭރުމުންނެވެ.

އަދި މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ ފަރާތުން ކޮންމެ ފަދަ ކަމެއް ހިނގިޔަސް، އެކަން ހުއްޓުވުމުގެ ގާބިލްކަން މަޖިލީހުގެ ރައީސްއަކަށް ހުންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ވިދާޅުވެ އިލްހާމް ވަނީ އަބްދުﷲ ޝާހިދުގެ ގާބިލްކަމާ މެދު ސުވާލުއުފައްދަވާފަ އެވެ.

ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވި ގޮތުގައި ވެރިކަމަށް އާދެވޭނެ ދޮރެއް ހުޅުވިފައި ވުމުން އެކަމުގެ ނާޖައިޒް ފައިދާ ޝާހިދު ނެންގެވުމުގެ މަސައްކަތް ކުރެއްވި ތަން ބުރާސްފަތި ދުވަހު ފެނުނެވެ.

އިއްތިހާދުވެފައިވާ ސިޔާސީ ބައެއް ފަރާތްތަކުން މިފަދަ ތުހުމަތަކެއް ކުރެއްވި ނަމަވެސް ޝާހިދު ނިސްބަތްވެވަޑައިގެންނަވާ ޕާޓީ، ޑީއާރްޕީގެ ޕާލަމަންޓް ގުރޫޕްގެ މެންބަރުން އެކަން ދޮގު ކުރައްވަ އެވެ. އަދި މަޖިލީހުގެ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ޝާހިދު ދެއްވި ބަޔާނަށް ޑީއާރްޕީން ވަނީ ތައުރީފްކޮށްފަ އެވެ.

ޑީއާރުޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު، އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވީ ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާ ޖަލްސާ ކެންސަލް ކުރެއްވުމަށް ނިންމުމަކީ "ހިކުމަތްތެރި ނިންމުމެއް" ކަމަށެވެ.

މައުސޫމު ވިދާޅުވި ގޮތުގައި ޝާހިދު އެ ނިންމެވުމާ ބެހޭ ގޮތުން ސުވާލު އުފައްދަނީ ވަކިވަކި ބޭފުޅުންނެވެ. އެއީ އަކީ ޕާޓީއެއްގެ ނިންމުންތަކެއް ނޫނެވެ.

"މަޖިލީހުގެ ރައީސް ނިންމެވި ނިންވުމަކީ ވިސްނުންތެރި، ރަނގަޅު ނިންމެއް،" މައުސޫމު ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރު ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒް ވިދާޅުވީ މަޖިލީސް ކެންސަލް ކުރެއްވުން އެއީ އަބްދުﷲ ޝާހިދު ނިންމި ރަނގަޅު ވިސްނުންތެރި ތެރި ނިންމެވުމެކެވެ. އަދި އެކަމުގައި ޝާހިދާ އެމްޑިޕީއާ ދެމެދު "ޑީލް"ތަކެއް ދޮގެކެވެ.

"ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ ކެންސަލް ކުރެއްވީ ޝާހިދަށް އެއީ އެކަން އެންމެ ރަނގަޅުގޮތް ކަމަށް ފެނިވަޑައިގެން ކަމަށް ގަބޫލު ކުރެއްވޭ،" ޝިފާޒް ވިދާޅުވި "އެކަމަގައި ޝާހިދާއި އެމްޑީޕީއާ ދެމެދުގައި ޑީލެއް ނެތް،"

ގާނޫނު އަސާސީގެ 124 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާގާމު ހުސްވެއްޖެ ނަމަ އެ ދެ މަގާމު އަދާކުރައްވަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ. މަޖިލީހުގެ ރައީސް އެކަމަށް އުޒުރުވެރިވާ ނަމަ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް އެ މަގާމު އަދާކުރައްވަން އުޒުރުވެރިވާ ނަމަ ރައީސުލްޖުމްހުއްރިއްޔާގެ މާގާމަށް އަންނާނީ މަޖިލީހުން ކަނޑައަޅާ މެންބަރަކަށެވެ.

މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސްގެ އިތުރުން މަޖިލީހުން ކަނޑައަޅާ މެންބަރަކު ވަގުތީ ގޮތުން ވެރިކަމަށް ކުރައްވަން ޖެހިވަޑައިގަންނަ ވާނީ 60 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ ކަމަށް ގާނޫނު އަސާސީގެ 125 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވެ އެވެ. ސުވާލަކީ 60 ދުވަހުގެ ބާރުވެރި ކަމަށްޓަކައި މިހާރު ބައެއް ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތަށް މަޖިލީހުގެ ރައީސް ކަން ކުރައްވާފާނެ ބާވަ އެވެ.

http://www.youtube.com/watch?v=yH2VDlG3Kwo