10:00


މުނިފޫހިފިލުވައިދިނުމުގެ އުފެއްދުންތައް ހިލޭ އަޕްލޯޑްކޮށް، އެހެން މީޑިއަމްތަކަށް ކޮޕީ ނުކުރެވޭނެ ގޮތަށް ދިރާގުން ތްރީޖީ ކަސްޓަމަރުންގެ މޯބައިލް އިންޓަނެޓް ހޯމްޕޭޖަށް "ޑިސްކަވަރ" ގެ ނަމުގައި އާ ބަދަލުތަކެއް ގެނެސްފި އެވެ.


ދިރާގުގެ މާކެޓިންގް ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، އެ ކުންފުނިން ރޭ ލޯންޗްކުރި ޑިސްކަވަރ ޚިދުމަތުގެ ދަށުން، ތްރީޖީ ނެޓްވޯކް ބޭނުންކުރާ ކަސްޓަމަރުންގެ މޯބައިލް ފޯނުގެ އިންޓަނެޓް ހޯމްޕޭޖް ކަމުގައިވާ މައި މޯބައިލް ޑޮޓް އެމްވީ އަށް ގެނައި ބަދަލުތަކުން ރާއްޖޭގެ މުނިފޫހިފިލުވައިދިނުމުގެ އިންޑަސްޓްރީއަށް އިންގިލާބެއް އައިސްގެންދާނެ ކަމަށެވެ.


އެގޮތުން މިހާރު މައި މޯބައިލް ހޯމް ޕޭޖް މެދުވެރިކޮށް ކުރު ފިލްމާއި، އޯޑިއޯ ވީޑިއޯ ލަވައާއި މިއުޒިކް ފަދަ މުނިފޫހިފިލުވައިދިމުގެ އެކިއެކި އުފެއްދުންތައް ހިލޭ އަޕްލޯޑްކޮށް، ވަރަށް އަވަސް ސްޕީޑެއްގައި ކަސްޓަމަރުންނަށް ތްރީޖީ ނެޓްވޯކް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށް މިރްޝާން ވިދާޅުވި އެވެ.


މީގެ އިތުރުން، އެ ޕޭޖަށް އަޕްލޯޑްކުރާ ކުރުފިލްމާއި ލަވަ ފަދަ އުފެއްދުންތަކަށް ކަނޑައެޅިފައިވާ އަގު ދެއްކުމަށްފަހު ޑައުންލޯޑްކުރާ ކަސްޓަމަރުގެ ފޯނު ނޫން އެހެން ފޯނަކަށާއި ކޮމްޕިއުޓަރަކަށް ވެސް އެ އުފެއްދުމެއް ކޮޕީ ނުކުރެވޭނެކަން ފާހަގަކުރައްވާ މިރުޝާން ވިދާޅުވީ، ދިރާގުން ތައާރަފްކުރި ޑިސްކަވަރ ޚިދުމަތަކީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގެ އުފެއްދުންތައް މާކެޓް ކުރެވޭނެ ރަނގަޅު މަގެއް ކަމަށެވެ.