ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅު، ހ. ދޫވެހި ވިއްކާލައިގެން ލިބޭ ފައިސާއިން، ހިޔާ ފްލެޓު ލިބުނު މީހުންނަށް ތަށިމުށި ގަނެދޭން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިފަދައިން ގޮވައިލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.

ރޮޒެއިން ވިދާޅުވީ ރަށްރަށުގައި ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް އަދިވެސް އެންމެ ފުރިހަމައަށް ގާއިމްވެފައި ނެތް ކަމަށާއި އެކަމުގެ ސަބަބުން އިގުތިސޯދީ ގޮތުން ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އިގްތިސޯދީ ހަރަކާތްތައް ބިނާ ކުރަން ކުރާ މަސައްކަތުގެ ތެރޭގައި ފެނާއި ނަރުދަމާއަކީ ކޮންމެހެން ވެސް އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކަށް ވެފައި މިއޮތީ. އެ ކަންތައް އަޅުގަނޑުމެން އެމްޑީޕީގެ މި ސަރުކާރުގެ ވައުދެއް އެއީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގަ ފެނާއި ނަރުދަމާ ގާއިމް ކުރަން،" ރޮޒެއިނާ ވިދާޅުވިއެވެ.

މި ކަންކަން ކުރުމަށް މި ސަރުކާރުން ލޯނު ނެގުމަކީ މުސްތަގްބަލަށް ޓަކައި ކުރާ އިންވެސްޓްމެންޓެއްގެ ގޮތުގައި ރޮޒެއިނާ ސިފަ ކުރެއްވިއެވެ.

ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރޮޒެއިނާ އިތުރަށް ވިދާޅުވީ ލޯނުގެ ގޮތުގައި ނަގާ ފައިސާ މި ސަރުކާރުގެ ވެރީންގެ އަމިއްލަ ޖީބަށް ނުލާނެ ކަމަށެވެ.

ހަމައެހެންމެ ކުރީ ސަރުކާރުން ސޯޝަލް ހައުސިން ޕްރޮޖެކްޓުގެ ނަމުގައި "ހާވައިފައި ހުރި ހަޑި" ވެސް އެންމެންނަށް ފެންނަން އޮތް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެ މަޝްރޫއަށް ނެގި ލޯނުގެ އަދަދަކީ އެ ފަދަ ދެ މަޝްރޫއެއް ހިންގޭނެ ފައިސާގެ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެހާ ބޮޑު ލޯނެއް ނަގައިގެން، ތަނުގެ ތަށިމުށި ނުޖަހާ ހުރި ވާހަކަ ދައްކައި، ރައްޔިތުންނަށް ތަށިމުށި ގަންނަން ލާރި ދިނުމަށް އިދިކޮޅު މެންބަރުން ގޮވާލަން ލަދު ގަންނަން ޖެހޭ ކަމަށެވެ.

"ތަށިމުށި ޖަހަން ރައްޔިތުންނަށް ފައިސާ ދޭށޭ ބުނާއިރު، ތަށިމުށި ޖަހަން ވީ ފައިސާއިން އެހެރީ އަތިރިމަތީގައި 15 ބުރީގެ އިމާރާތެއް ހަދާފަ. އަޅުގަނޑު ގޮވާލަން ސަރުކާރަށް އެ 15 ބުރީގެ އިމާރާތް ވިއްކާލައިފައި ތަށިމުށި ގަނެދޭށޭ ރައްޔިތުންނަށް، އެއީ އެއް ނޫންތޯ އަޅުގަނޑުމެން ކުރަން ވެފަ އޮތް ކަމަކީ،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާގެ ވާހަކަައިގައި އިޝާރާތް ކުރެއްވި 15 ބުރީގެ އިމާރާތަކީ ރައީސް ޔާމީންގެ ގެކޮޅު ކަމަށް ވާ ދޫވެއްސެވެ.