އދ. މަޖިލިސް (9 ނޮވެމްބަރު) : ދުނިޔޭގައި ހައިހޫނުކަމުގެ ތުންފަތްމަތީގައި 45 މިލިޔަން މީހުން ތިބި ކަމަށް ކާބޯތަކެއްޗާ ބެހޭ އދ. ގެ އިދާރާ، ވާލްޑް ފުޑް ޕްރޮގްރާމް އިން ބުނެފިއެވެ.

"ވާލްޑް ފުޑް ޕްރޮގްރާމް" އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ދުނިޔޭގެ 43 ގައުމެއްގައި 45 މިލިޔަން މީހުން ހައިހޫނުކަމުގެ ތުންފަތްމަތީގައި ތިބިކަމަށާ އެމީހުންނަށް ކާބޯތަކެއްޗާއި ބޭހުގެ އަވަސް އެހީ ނުލިބިއްޖެނަމަ ބަނޑަށްޖެހި ހައިހޫނުކަމުގައި މީހުން މަރުވާ ހިސާބަށް ކަންތައް ހިނގައިދާނެކަމުގައެވެ.

ވާލްޑް ފުޑް ޕްރޮގްރާމް އެގްޒެކެޓިވް ޑިރެކްޓަރ ޑޭވިޑް ބީޒްލީ ވިދާޅުވިގޮތުގައި ހައިހޫނުކަމުގެ ތުންފަތްމަތީގައި ތިބި 45 މިލިޔަން މީހުންގެ ތެރޭގައި ގިނައީ ހަނގުރާމަތައް ހިނގާ ސަރަހައްދުތަކުގެ މީހުންނާއި މޫސުމަށް އަންނަ ބަދަލުތަކާއެކު ދިމާވާ ގުދްރަތީ ކާރިސާތަކުގެ ޝިކާރައަކަށްވާ ސަރަހައްދުތަކުގެ މީހުންނާއި ކޮވިޑް-19 ގެ ސަބަބުން ވަޒީފާއާއި ކުރާނެ މަސައްކަތްތައް ގެއްލިފައިވާ މީހުންނެވެ.

އެފްރިކާގައި ފަގީރުކަމާއި ހަނގުރާމައިގެ ބިރުވެރިކަމާއި ހަނަފަސްކަން ތަހައްމަލްކުރާ އާއިލާތައް

އަފްޣާނިސްތާނުގެ ރެފިއުޖީންގެ ހާލަތު ބެއްލެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބީޒްލީ ވިދާޅުވީ ހަނގުރާމަތަކާއި ހަނަފަސްކަމާއި ފެންބޮޑުވުމާއި ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިތަކަކީ ހައިހޫނުކަމުގެ ތުންފަތްމައްޗަށް މިހާ ގިނަ އަދަދެއްގެ މީހުން ގެންދިޔަ މައިގަނޑު ސަބަބު ކަމުގައެވެ.

ހަމައެކަނި އަފްޣާނިސްތާނަށް ބެލިކަމަށްވިޔަސް ހަނގުރާމައިގެ ސަބަބުންނާއި ހަނަފަސްކަމުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ފޯރާފައިވާ ތިން މިލިއަން މީހުން އެބަތިބިކަމާއި ކާބޯތަކެއްޗާއި ބޭހުގެ އަވަސް އެހީ ނުލިބިއްޖެނަމަ ބަނޑަށްޖެހި ހައިހޫނުކަމާއި ބަލިމަޑުކަމުގައި އޭގެތެރެއިން ބައެއް މީހުން މަރުވާންފަށާނެކަމުގެ އިންޒާރު ބީޒްލީ ދެއްވިއެވެ.

އަފްޣާނިސްތާނުގެ އިތުރުން ޔަމަންއާއި ސޮމާލިއާ އަދި ދެކުނު ސޫދާންއާއި ނައިޖީރިޔާއާއި މާލީގެ ބައެއް ސަރަހައްދުތަކަކީވެސް އަވަސް އެހީ ނުލިބިއްޖެނަމަ ބަނޑަށްޖެހުމުގެ ބިރުވެރިކަން ކުރިމަތިވެފައިވާ ތަންތަންކަން ވާލްޑް ފުޑް ޕްރޮގްރާމް އިންވަނީ ފާހަގަކޮށްފައެވެ.

ހައިހޫނުކަމުން މި 45 މިލިޔަން މީހުން ސަލާމަތްކުރުމަށް މަދުވެގެން ހަތް ބިލިއަން ޑޮލަރު ބޭނުންވާކަމަށާ ނަމަވެސް މިއަދަދަށް ފައިސާ ލިބޭނެގޮތެއް އަދި ފެންނަން ނެތްކަން ވާލްޑް ފުޑް ޕްރޮގްރާމް އިން ހާމަކުރެއެވެ.

ޔަމަންއާއި ސޮމާލިއާ އަދި ދެކުނު ސޫދާންއާއި ނައިޖީރިޔާއާއި މާލީގެ އިތުރުން އިތިއޮޕިޔާ، އެންގޯލާ، ބުރުންޑީ، ހައިޓީ، ސޫރިޔާ، ސޯމާލިޔާ، އަދި ކެންޔާގެ ބައެއް ސަރަހައްދުތައްވެސް ހައިހޫނުކަން ތަހައްމަލް ކުރަންޖެހޭނެކަމަށް ވާލްޑް ފުޑް ޕްރޮގްރާމް އިން ވަނީ ލަފާކޮށްފައެވެ.