ރޭ ދަންވަރު ހުޅުމާލެއިން ގެއްލުނު ކަމަށް ރިޕޯޓުކުރި އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 12:50ހާ އިރު ކަމަށެވެ.

އޭގެ ފަހުން މިއަދު ހެނދުނު 06:17ހާ އިރު އެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ އަންހެން ކުއްޖާ ރަހީނުކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާ އިރު އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަނުކުރެއެވެ.

މިދިޔަ މަހު، ހުޅުމާލޭގައި ދިރިއުޅޭ އަންހެނަކު އޭނާގެ ގެއިން ނިކުމެގެން ލިފްޓުން ތިރިއަށް ފޭބި ވަގުތު, ގަދަކަމުން ގޮވައިގެން ގޮސް އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވެއެވެ.