09 Nov 2021, 10:20
އޮސްޓްރޭލިއާގެ ސަރަހައްދަކުން ގޮތް ނޭނގޭ ގޮތަށް ކުއްލިިއަކަށް ގެއްލުނު ކުޑަ ކުއްޖާ ރައްކާތެރިކަމާއެކު އަލުން ހޯދައިފިއެވެ.
އޮސްޓްރޭލިއާގައި ގެއްލިގެން ހޯދައިފައިވަނީ ކްލެއޯ ސްމިތް ކިޔާ ކުއްޖެކެވެ. އޭނާ ގެއްލިފައިވަނީ މިދިޔަ މަހުގެ 16ވަނަ ދުވަހު އާއިލާއާއެކު ދަތުރު ގޮސް އުޅެނިކޮށެވެ.
ކްލެއޯ ގެއްލުމާއެކު އޭނާ ހޯދުމަށް ޓަކައި އޮސްޓްރޭލީއާގެ ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގައިފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން އެ ކުއްޖާ ހޯދައިފައިވަނީ އޮސްޓްރޭލިއާގެ ސަރަހައްދެއްކަމަށްވާ ކާނަވަންއިންނެވެ. ފުލުހުންނަށް ކްލެއޯ ފެނުނު އިރު ކްލެއޯގެ މޫނު މަތިން މާ ބޮޑު ހާސްްކަމެއް ފެނިފައިނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާވޭ، ޝުކުރުކުރަން ސަލާމަތުން ދަރިފުޅު ފެނި އަތްމައްޗަށް ލިބުނީތީ، ދަރިފުޅު ހޯދުމަށް މަސައްކަތްކުރި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި އެންމެންގެ ކިބައިން ލިބުނު އެހީތެރިކަމަަށް ވެސް ޝުކުރު ދަންވަން،" ކްލެއޯގެ މަންމަ އެލީ ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި މައްސަލައިގައި އޮސްޓްރޭލިއާގެ ފުލުހުން ތުހުމަތުކުރަނީ މިއީ ރަހީނުކުރުމުގެ މައްސަލައެއްގެ ގޮތުގައެެވެ. އެއާއެކު އުމުުރުން 36 އަހަރުގެ މީހެއްވަނީ އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
"މި ހަފްތާގައި އަޅުގަނޑުމެން ކުރަން އޮތް މަސައްކަތަކީ މި މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްތޯ ބެލުން،" ޑިޓެކްޓިވް ސީނިއާ ސާޖަންޓް ކެމެރަން ބްލެއިން ވިދާޅުވިއެވެ.
އެއާއެކު އޭނާވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާއާ ފާއިތުވި ހަފްތާތަކުގެ ތެރޭގައި އެއްވެސް ގޮތަކުން ބައްދަލުވެފައި ހުރި މީހެއްވާނަމަ އެކަން އެންގުމަށް އެދިފައެވެ.