03 Mar 2012, 12:54
އެސްޓަން ވިލާގެ ކުޅުންތެރިން ތިބީ ކޯޗު އެލެކްސް މެކްލީސްގެ ފަހަތުގައި ކަމަށް ލޯނުގެ ދަށުން އެކުލަބަށް ކުޅެމުންދާ އަޔަލެންޑްގެ ފޯވާޑް ރޮބީ ކީން ބުނެފި އެވެ.
ލޯނުގެ މުއްދަތުގެ ތެރޭގައި ވިގަން އެސްޓަން ވިލާ އަށް ކީން ކުޅުނު އެންމެ ފަހު މެޗު ނިމިގެންދިޔައީ 0-0 ލަނޑުންނެވެ. ވިގަން އާއި ދެކޮޅަށް ކުޅުނު އެމެޗުގައި ވިލާ އަށް ލީޑު ނަގާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފައި ވެ އެވެ.
"ހަމަގައިމު ވެސް ކޯޗު މެކްލީސްގެ އިރުޝާދުގެ ދަށުން ކުޅުނީ ވަރަށް ހިތްހަމަ ޖެހިގެން. އަހަރެންނަށް އެނގޭ މިއީ ވިލާ އަށް ވަރަށް އުނދަގޫ ދަނޑިވަޅެއް ކަން. އެހެން ނަމަވެސް ކުޅުންތެރިން ހުރީ މެކްލީޝްގެ ފަހަތުގައި އުފަލާއެކު. މެކްލީޝް ވެސް ބޭނުންވަނީ ކުލަބަށް ކާމިޔާބު ހޯދައިދޭން." ކީން ބުންޏެވެ.
ކުރީގެ ކުލަބަށް ކީން ދިޔައީ ވިލާ އިން އޭނާ އަށް އެންމެ ބޭނުންވާ ވަގުތުގަ އެވެ. އެމެރިކާގެ އެލްއޭ ގެލެކްސީ އިން ވިލާ އާއި ގުޅުނު ކީން ވަނީ އެކުލަބަށް ހަތް މެޗު ކުޅެ، މުހިންމު ލަނޑުތަކެއް ވެސް ކާމިޔާބު ކޮށްދީފަ އެވެ.