ފ. ނިލަންދޫގައި ރުކެއްގެ އެންމެ މަތިން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު "ސަން"އަށް ވިދާޅުވީ އެ ރަށު އަހިމާގެ، އުމުރުން 22 އަހަރުގެ އަހްމަދު އިރުފާން ނަމަކަށް ކިޔާ އެ ޒުވާނާ ރުކުން ވެއްޓުނީ މިއަދު ހެނދުުނު 9:30 ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ އިރުފާނަކީ އާންމުކޮށް ރުއްރުކަށް އަރައި އުޅޭ މީހެއް ކަމަށާއި މިއަދު އޭނާ ވެއްޓުނީ އެ ރަށު މީހުން ދިރިއުޅޭ ސަރަހައްދުގެ ގޯއްޗެއްގެ ތެރޭގައި ހުރި ރުކަކަށް އަރައި އުޅެނުކޮށް ކަމަށެވެ.

އިރުފާން ވެއްޓުނީ މި ރުކުގެ އެންމެ މަތިން--

"ގާތްގަނޑަކަށް 50 ވަރަކަށް ފޫޓުގެ ރުކެއްގެ އެންމެ މަތިން އޭނަ ވެއްޓުނީ. ވެއްޓިފައި ކަނާތު ފައިގެ ފަލަމަސްގަނޑުގެ ކަށިގަނޑު ބިންދައިގެން ގޮސްފައި އޮތީ. ނޭފަތާ އަނގަޔާ ފަޅައިގެން ގޮސް، ލޭބާފައި ހުރި. އެއީ ބޭރު ފުށުން ފެންނަން ހުރި އަނިޔާތަކަކީ." އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލުން އިރުފާނަށް ލިބުނު އަނިޔާތަކަށް ދޭނެ އެންމެ އެކަށީގެންވާ ފަރުވާ ނެތުމުން، އިތުރު ފަރުވާ ދިނުމަށް މާލޭ، އައިޖީއެމް ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށެވެ.