އިސްލާމީ މަރުކަޒާއި، ރައީސް އޮފީހުގެ އިތުރުން ހުކުރު މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ މީހާގެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އަނބުރާ ފުލުހަށް ފޮނުވާލައިފިއެވެ.

އެ މައްސަލައިގައި މ. ޝޭޑީ ހޯމް، ހަސަން ޒިޔާދު މިދިޔަ މަހުގެ ހަތަރެއްގައި ހައްޔަރުކޮށް، އޭނާއަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 24ގައެވެ.

ނަމަވެސް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް އަންގައި އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފައިވާ ކަމަށެވެ.

އެ މައްސަލައިގައި މިިދިޔަ މަހުގެ 13 ވަނަ ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޒިޔާދުގެ ބަންދަށް 10 ދުވަސް ޖެހިއެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ނިމުމާއެކު މިދިޔަ މަހުގެ 25ގައި އޭނާ ވަނީ ދޫކޮށްލައިފައެވެ.

އޭގެ ފަހުން އިއްޔެ ޒިޔާދު ވަނީ މާލޭގެ މަސްޖިދުލް އިބްރާހީމްއަށް އަރާ ޚަތިމަކަށް ކުޅުޖަހާފައެވެ. އެ މައްސަލައިގައި އިއްޔެ ހަވީރު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި މިއަދު އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ.

މީގެ ކުރިން ފުލުހުން ވަނީ ޒިޔާދަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށާއި އޭނާގެ ކިބައިގައި ނަފްސާނީ ބަލީގެ އިތުރު މައްސަލައެއް ހުރިތޯ ބަލަމުންދާ ކަމަށް ބުނެފައެވެ.

ނަމަވެސް މިއަދު ޖެންޑާ މިނިސްޓްރީން ވަނީ ޒިޔާދުގެ ނަފްސާނީ މައްސަލައެއް ހުރި ކަމަށް ފާހަގަ ނުވާކަމަށް ބުނެފައެވެ. އަދި އޭނާގެ މައްސަލަ ފުލުހުންނާއި އެންޑީއޭއަށް ފޮނުވައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.