ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ސިޓީ ހޯދުމަށް ދިމާވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ޓްރެފިކަށް ބާރުބޮޑު ނޫން މަގުތަކުން ގަރާޖް ސްލޮޓް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އޮތް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ގަރާޖު ސްލޮޓް ދޫކުރާނީ ސިޓީ ކައުންސިލާއެކު ހަދާ އެގްރީމަންޓެއްގެ ދަށުންކަމަށެވެ.

"އެ ސްލޮޓަކީ އެ ވެހިކަލް ރަޖިސްޓްރީކޮށް ދުއްވާހާ ހިނދަކު ފިޒިކަލީ އެ ވެހިކަލަށް އޮންނާނެ ޖާގައެއް،" މުއިއްޒު ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކުރުމަށް ހުށަހަޅަައިފައިވަނީ ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ސިޓީ ބޭނުންނުވާގޮތަށް ގާނޫނު ބަދަލުކުރުމަށެވެ.

"މާލޭގައި މިވަގުތު ވެހިކަލް ރަޖިސްޓްރީކުރަން ހުށަހަޅާއިރުގައި ގަރާޖު ސިޓީއެއް ބޭނުންވާގޮތަށް އޮންނަ އޮތުން އުވާލުމަށް، އެކަން ލާޒިމެއް ނޫންކަމަށް މެމްބަރަކު ހުށަހަޅައިފައިވަނީ،" ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ވިދާޅުވިއެވެ.

އެއާއެކު މޭޔަރު މުއިއްޒު ވިދާޅުވީ ވެހިކަލް އެތެރެކުރާއިރު އެ ވެހިކަލް ބޭއްވުމަށް ޖާގައެއް އޮތްކަން ޔަގީންކުުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި މިހާރު މާލެ ތެރޭ ތޮއްޖެހިފައި އޮތް އިރު އެފަދަ އިސްލާހެއް ގެނެސްފިނަމަ އިތުރު މައްސަލަތައް ދިމާވާނެކަމަށެވެ.

ނަމަވެސް މިހާރު ވެހިކަލް ރަޖިސްޓްރީކުރުމުގައި ގަރާޖު ސިޓީ ހޯދުން އޮންނަ ގޮތުން ވެސް އެކަމުގެ އަސްލު މަގްސަދު ހާސިލްނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިހާރު މި ކުރާގޮތުން ވެސް ހަގީގަތުގައި މި ކަން ކުރުމުގެ އަސްލު މަގްސަދު ހާސިލެއްްނުވޭ. މި ދެންނެވީ މިހާރު ގަރާޖުން ޖާގައެއް އޮތްކަމަށް ލިޔުމެއް ހޯދައި އެ ލިޔުމެއް ލައިގެން މި ރަޖިސްޓްރީކުރަނީ އެކަމު ޖާގައެއް ނޯވޭ. އެހެން އެވަނީ އެހެން ހުއްދަތަކުގެ ދަށުން އެ ޖާގަ ބަދަލުކުރެވޭތީ. އެތަން އެބަ ބަދަލުކުރެވޭ ފިހާރައަަކަށް ވެސް އެހެން ތަނަކަށް ވެސް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލެއަށް ވެހިކަލް އެތެރެކޮށްފައި ހުރި އަދަދުތަކުގެ މައުލޫމާތު ސިޓީ ކައުންސިލަށް އެއްކުރަމުން އަންނަކަމަށެވެ. އަދި ލިބުނު މައުލޫމާތުގެ އަލީގައި މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.