08 Nov 2021, 15:34
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިނގިރޭސިބަހުން ވާހަކަފުޅު ނުދެއްކެވުމަށް ރިޔާސަތުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް އިލްތިމާސް ކުރައްވައިފިއެވެ.
ރިޔާސަތުން ޖާބިރަށް މި ގޮތަށް އިލްތިމާސް ކުރެއްވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދެއްކެވުމަށް ލިބިލެއްވި ފުރުސަތުގައި އިނގިރޭސިބަހުން ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ނިޒާމީ ނުކުތާއެއް ނަންނަވާ އެކަން ރިޔާސަތުގެ ސަމާލުކަމަށް ގެންނެވުމާއި ގުޅިގެންނެވެ.
ވައްޑެ ނެންގެވި ނިޒާމީ ނުކުތާއާ ގުޅިގެން ޖާބިރުއަށް އިޝާރާތް ކުރައްވާ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވާއިރު، ދިވެހިބަސް ނޫން އެހެން ބަސްބަހުން ވާހަކަފުޅު ނުދެއްކެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"އިއްޒަތްތެރި މެންބަރަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަން ދިވެހިބަހުން ވާހަކަފުޅު ދެއްކެވުމަށް،" އިވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މަޖިލީހުގެ ގަވާއިދު އެކުލަވައިލިއިރު، ތަޅުމުގައި ވާހަކަދައްކަންޖެހޭ ވަކި ބަހެއް ލިޔެފައެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގައި މެންބަރުން ވާހަކަފުޅު ދައްކަވާއިރު، އެންމެންނަށް ވެސް އެނގޭ ބަހަކުން ވާހަކަފުޅު ދެއްކެވުމަކީ އޭނާ ވެސް އެދިލައްވާގޮތް ކަމަށެވެ.
"ކުރިން ވެސް މެންބަރަކު މަޖިލީހުގައި އިޓަލީ ބަހުން ވެސް ވާހަކަ ދައްކަވައިފި. ބައެއް މެންބަރުން އަރަބި ބަސް ބޭނުން ކުރައްވަމުން ގެންދަވާ. އަޅުގަނޑުމެން ބޭނުންވޭ އެންމެންނަށް ވެސް އެނގޭ ބަހަކުން މަޖިލީހުގައި ވާހަކަ ދެއްކުން. ނަމަވެސް އަޅުގަނޑުގެ ބާރު ހިނގާނީ މަޖިލީސް ގަވާއިދު ތަންދޭ މިންވަރުން،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އެކަން ބަދަލު ކުރުމަށް ޓަކައި ގަވާއިދަށް އިސްލާހެއް ގެންނަން ބޭނުންވާ ކަމުގައިވާނަމަ މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރިއަށް ގެންދަވަންވީ ކަމަށެވެ.
ވައްޑެ ނެންގެވި ނިޒާމީ ނުކުތާގައި ވިދާޅުވީ އެ ވަގުތު ކުރިއަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްތޯ ނުވަތަ ޖެނެރަލް އެސެންބްލީއެއްތޯ ސުވާލު އުފެދިއްޖެ ކަމަށެވެ.
"އަޅުގަނޑު އަހާލަން ބޭނުންވޭ މިއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްތޯ ނުވަތަ ޖެނެރަލް އެސެންބްލީގެ ކަމެއްތޯ ކުރިއަށް މި ދަނީ،" ވައްޑެ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނުގައި ވެސް ގައުމީ ބަހާއި ރަސްމީ ބަސް ބޭނުން ކުރުމުގައި ދިވެހި ބަހުން މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ބުނެފައިވާ ކަމަށެވެ.
"އެހެން ބަސްބަހުން މި މަޖިލީހުގައި ވާހަކަ ދެއްކޭނެ ކަމަށް ވާނަމަ، އެ ދައްކާ ވާހަކައެއްގެ ތަރުޖަމާ އަޅުގަނޑުމެންނަށް ލިބެން ޖެހޭނެހެން ހީވަނީ،" ވައްޑެ ވިދާޅުވިއެވެ.
ވައްޑެގެ ވާހަކަފުޅަށްފަހު، ރިޔާސަތުން ވިދާޅުވީ އިނގިރޭސިބަހުން މަޖިލީހުގައި މިއަދު ޖާބިރު އެ ދެއްކެވި ވާހަކަފުޅުގެ ތަރުޖަމާ މެންބަރުންނަށް ލިބިވަޑައިގަންނަވާނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.