03 Mar 2012, 11:52
މަޖިލީހުގެ 79 އަހަރުވީ ތާރީހުގައި އެންމެ ބޮޑު ހަމަނުޖެހުމެއް މަޖިލީހުގެ ތެރެއިން ފެނިގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ ނިޒާމް ގެއްލުވާލައި، ރިޔާސަތުގެ މޭޒުކޮޅު މައްޗަށް އަރައި، އެ މޭޒުކޮޅުގެ ފަހަތުގައި ހުރި މަޖިލީހުގެ ދިދަ ވައްޓާލައި ގައުމީ ދިދަދަނޑި ބިންދާލި އެވެ. ރައީސް ވަހީދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމަށް ހާއްސަކޮށްފައި ހުރި ގޮނޑިކޮޅާ ހުރެ ތަޅުމުގައި މާރާމާރީ ހިންގި އެވެ. އެންމެ ބޮޑު ހަމަނުޖެހުންތައް ފެނިގެންދިޔައީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީހުގެ ތަޅުމަށް ވަދެވަޑައިގަންނަވަން އުޅުއްވުމުންނެވެ.
ޝާހިދު މަޖިލީހުގެ ތަޅުމަށް ވަދެވަޑައިގަތަ ނުދިނުމަށް މަޖިލީހުގެ ތަޅުމުގެ ދޮރުތައް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބަންދު ކުރިއެވެ. ދޮރު ކުރިމަތީގައި ހުރަހަށް ތިބެ، އިރުކޮޅަކަށް ނިދައި ކައިބޮއި ހެދި މަންޒަރު ވެސް މަޖިލިސް ހިސޯރު ކުރި 10 ގައިއިރުގެ ތެރޭގައި ފެނިގެން ގޮސްފައިވެ އެވެ.
ޝާހިދު މަޖިލީހަށް ވަންނަވަން އުޅުއްވުމުން އެމްޑީޕީގެ މެންބަރުން އެކަމަށް ހުރަސްއެޅަން ފެށުމާ އެކު ހައެއްކަ ސިފައިންގެ ބޮޑީގާޑުން ބާރުގެ ބޭނުން ކުރި އެވެ. ޝާހިދު މަޖިލީހަށް ވަންނަވަން ހާއްސަކޮށްފައިވާ ދޮރުކޮޅު ކުރިމަތީގައި ހުރަހަށް ހުރި ގޮނޑިތައް ސިފައިން ހޫރާލި އެވެ. ސިފައިންނާ ކުރިމަތިލުމަށް އަތް އިސްކުރި މެންބަރުންގެ މައްޗަށް ކުރި ހޯދި އެވެ. ބިންމައްޗަށް ވެއްޓި، ކޯޅުން ބޮޑުވި ދަނޑިވަޅުގައި މެންބަރުންނަށް އެކިވަރުގެ އަނިޔާވި އެވެ. ސިފައިނަށް ވެސް އެކިވަރުގެ އަނިޔާވި އެވެ. އަތާއި ފައި ނޫފައިގެންފައި ހުއްޓެވެ. މެންބަރުންގެ ކޯޓާއި ފަޓުލޫނު ވެސް ވީދުނެވެ.
އެދަނޑިވަޅު ބޮޑީގާޑުން ވަށަލައިގެން ހުރި ޝާހިދު ބިންމައްޗަށް ވެއްޓި އަނިޔާވި އެވެ. ނަމަވެސް ސީރިއަށް އަނިޔާތަކެއް ނުލިބެ އެވެ. ބޮޑީގާޑުން ވަށާލާފައިވާ ޝާހިދު އެންމެ ފަހުން ތަޅުމަށް ނުވަންނަވަން ނިންމައި އެނބުރި ވަޑައިގަތީ އެވެ.
http://www.youtube.com/watch?v=yH2VDlG3Kwo
އޭގެ ފަހުން މަޖިލީހުގެ ތަޅުމަށް ވަންނަން ހުރި ދޮރުކޮޅުތައް ސިފައިންގެ ބާރުގެ ދަށަށް ގެނަ އެވެ. ދޮރުތަކުގެ ފާރައަށް ތިބި ސިފައިނާ ޖެއްސުންކޮށް، ކުރިމަތިލުމަށް މަސައްކަތް ކުރި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންގެ މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް ޓަކައި ތަޅުމަށް ދެން ވަނީ ޖާނުންވަރު ގަދަ ބޮޑީގާޑުންނެވެ. އެ ހަށި ފާރަވެރިންގެ ތެރޭގައި ރައީސުލްޖުމްހުރިއްޔާގެ ހާއްސަ ބޮޑީގާޑުގެ ތެރޭގައި ހިމެނޭ ތިން ސިފައިންގެ މީހަކު ވެސް ހިމެނެ އެވެ. އެ ތިން މީހުންނަކީ 17 ވަނަ ސާކް ސަމިޓްގައި މި ސަރަހައްދުގެ ގައުމުތަކުގެ ލީޑަރުންގެ ހަށިފާރަވެރިގެ ގޮތުގައި ހަރަކާތްތެރިވި މީހުންނެވެ.
އެ މީހުން ތަޅުމަށް ވަދެ، ކޮންމެވެސް އެއްޗެއް ބުނުމާ އެކު އެމްޑީޕީގެ ބައެއް މެންބަރުން ވެސް ދުވެވަޑައިގެން ގޮނޑިކޮޅުގައި އިށީންނަވަން ވަޑައިގެންނެވި އެވެ. އަދި ސިފައިންނާ ޖަލަދަލުކުރި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އުރައިލައިގެން ތަޅުމުން ބޭރަށް ނެރުނެވެ. ފަހުން އޭނާ އަނބުރާ ތަޅުމަށް ވެއްދީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މަޖިލީހުގެ ރައީސްއާ މަޝްވަރާ ކުރުމަށް ފަހު، އެމަނިކުފާނުގެ ހުއްދައާއެކުގަ އެވެ.
ބޮންޑާ މަޖިލީހުގެ ތަޅުމުން ނެރުމާ އެކު ރިޔާސަތުގެ މޭޒުކޮޅު ކައިރި ގާތްގަނޑަކަށް ސާފު ކުރި އެވެ. ނަމަވެސް ރިޔާސަތުގެ މޭޒުކޮޅު ކައިރީގައި ވިއްދާލައިގެން ހުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) އެވެ. ނަމަވެސް އޭނާ ނެރުމަކަށް ސިފައިން މަސައްކަތެއް ނުކުރެ އެވެ.
ރިޔާސަތުގެ މޭޒުކޮޅު ކައިރި ސިފައިން ސާފު ކުރި ވަގުތު ޝާހިދަށް މަޖިލީހަށް ވަދެވެން އޮތެ އެވެ. ޝާހިދު މަޖިލީހަށް ވަންނަން ހާއްސަކޮށްފައިވާ ދޮރުކޮޅާއި ރިޔާސަތުގެ މޭޒުކޮޅު ހުރީ ސަރަހައްދުން އޮތީ ސިފައިންގެ ބާރުގެ ދަށުގަ އެވެ. ނަމަވެސް ޝާހިދު މަޖިލީހަށް ނުވެންނެވުމުން ސިފައިން މަޖިލީހުގެ ތަޅުމުން ނުކުތެވެ.
އެ ފުރުސަތު ޝާހިދު ބޭނުން ނުކުރެއްވުމުން ސިޔާސީ ބައެއް ބޭފުޅުންގެ ފާޑުކިއުންތައް ޝާހިދަށް އަމާޒުވި އެވެ. ނަމަވެސް ޝާހިދުގެ އެ ނިންމެވުމާ އެކު ބައިނަލްއަގުވާމީ ފަރާތްތަކުގެ ފާޑުކިއުންތަކާއި ޕްރެޝަރު ކުރިމަތިވީ އެމްޑީޕީ އަށެވެ. އެމްޑީޕީން މަޖިލިސް ގަޑުބަޑުކޮށްލި އިރު، މަޖިލީހުގެ ގެލެރީތަކުގައި ތަޅުމުގައި ހިނގައިދިޔަ ހުރިހައިކަމެއް ބަލަހައްޓައިގެން ގައުމުތަކުގެ ސަފީރުންނާއި ޑިޕްލަމެޓުން މަންޒަރުތައް ބައްލަވަން ތިއްބެވި އެވެ.
ބައިނަލްއަގުވާމީ ފަރާތްތަކުން ސިފަކުރީ، ރައްޔިތުންގެ މަޖިލިސް އާ އަހަރަށް ހުޅުވައި ދެއްވުމަށް، މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އަށް ހުރަސް އެޅުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެއްގެ ގޮތުގައި އަދި ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގަ އެވެ. އެ ފަރާތްތަކުން ބުނީ ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރާސީއެއްގެ ނާރެސް ނޫނީ ހިތް ކަމަށެވެ؛ ރައްޔިތުންގެ މަޖިލީސް ހުއްޓުވިގެން ނުވާނެ ކަމަށެވެ.