ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކުރި، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަށް އޭނާ ހާޒިރުވެވަޑައިނުގަތުމުން އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތީ, އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައެވެ.

ހެނދުނު 9:00 ޖަހާއިރު ފެށުމަށް ތާވަލުކުރި އެ މައްސަލައިގެ އަޑުއެހުމަށް އަލީ ވަހީދު ހާޒިރުނުވުމުން, އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުންނެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމި ނިންމުން ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ދައުވާ ފޯމް ބާތިލްކޮށްފައެވެ. އެއީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ.

ހައިކޯޓުން މައްސަލަ ބަލައިގަތުމަށްފަހު ދައުވާ ފޯމް ބާތިލްކޮށްފައިވަނީ، އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައެޅުމަށް ފަހުއެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ އަމުރެއް ނެރަފައެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދުއާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އަލީ ވަހީދު ރާއްޖޭގައި ނެތި އޭނާގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގައި ޕީޖީން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

އެފަދަ ގޮތަކަށް ޝަރީއަތް ކުރިއަށްދާ އިރު، ދައުވާ ލިބޭ ފަރާތުން ކޯޓުގެ ހުރުމަށް ކެނޑޭ ފަދަ އަމަލެއް ކުރި ނަމަވެސް ފިޔަވަޅު ނޭޅޭނެކަން ޕީޖީން ވަނީ ފާހަގަކޮށްފައެވެ.