08 Nov 2021, 10:22
ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައެޅުމަށް މިނިމަމް ވޭޖު ބޯޑުން ނިންމި އަދަދު ކުޑަކޮށް މިނިމަމް ވޭޖު ކަނޑައަޅައިފިއެވެ.
މިނިމަމް ވޭޖު ބޯޑުން މިދިޔަ އޮކްޓޯބަރު މަހު ފަަސް ވަނަ ދުވަހު ވަނީ އެ ބޯޑަށް ފެންނަ އަދަދުތައް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ލަފާ އަރުއްވާފައެވެ.
އެގޮތުން މިނިމަމް ވޭޖުގެ ގޮތުގައި ބޮޑެތި ވިޔަފާރިތަކަށް އެ ބޯޑުން ލަފާދީފައިވަނީ ގަޑިއިރަކަށް 42.7 އެވެ. ނަމަވެސް އެ އަދަދު ކުޑަކޮށް މިއަދު ކަނޑައަޅައިފައިވަނީ 38.90 އެވެ.
ބޯޑުން ކަނޑައެޅި އަދަދުން ކަމުގައި ވަނީނަމަ އެއީ މަހެއްގެ މައްޗަށް 8900 ރުފިޔާއެެވެ. ނަމަވެސް ކަނޑައެޅި އަދަދަކީ މަހަކު 8000 ރުފިޔާއެވެ.
އިކޮނޮމިކް މިނިސްޓްރީން މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ޕްރައިވެޓް ސެކްޓާ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 21 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް ނަމަ ގާތްގަނޑަކަށް 5000 ރުފިޔާއެވެ.
ޕްރައިވެޓް ސެކްޓާގައި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 33.65 ރުފިޔާއެވެ. އެ އަދަދު ކަނޑައަޅައިފައިވަނީ ބޯޑުން ލަފާ ދިން އަދަދުތަކަަށް އެއްވެސް ބަދަލެއް ނުގެނެހެވެ.
ޕަބްލިކް ސެކްޓަރަށް ކަނޑައަޅައިފައިވަނީ ބޯޑުން ދިން ލަފަޔާ އެއްގޮތަށް ހަ ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މަހަކު 7،000ރ. ނުވަތަ ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރާ މުވައްޒަފުންނަށް ގަޑިއިރަކަށް 33.65 ރުފިޔާއެވެ.