03 Mar 2012, 11:34
ފެބުރުއަރީ އަށް ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިންގި ހަމަނުޖެހުންތަކުގައި އެ ސިޓީގެ ބައެއް ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ މީހުންގެ މުއްދަތު ޖެހުމުގެ ކަންތައް ކުރިއަށް ގެންދިޔައީ ރޭ 7:00 ގައި އައްޑޫ ސިޓީގެ ގަމުގައި ފަނޑިޔާރެއްގެ ކުރިމަތީގަ އެވެ.
ރޭ މުއްދަތު ޖެހުމަށް ގެންދިޔަ 15 މީހުންގެ ތެރެއިން 14 މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ގާޒީ ވަނީ އިތުރުކޮށްދީފަ އެވެ. އަދި އަނެއް މީހާ ވަނީ 15 ދުވަހަށް ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހުންގެ މުއްދަތު ޖެހުމަށް އިއްޔެ އެންމެ ފުރަތަމަ ހަމަޖެއްސީ ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓުގައި ކަމަށެވެ. ނަމަވެސް ހުޅުމީދޫއަށް ދިޔަ އެމްޑީޕީގެ ގާނޫނީ ޓީމު އެރަށަށް އެރުމަށް ރަށުގެ ބަޔަކު ހުރަސް އެޅުމުން އެހެން ރަށަކަށް މުއްދަތު ޖެހުމުގެ ކަންތައް ބަދަލުކުރުމަށް ގާނޫނީ ޓީމުން އެދުމުން މުއްދަތު ޖެހުން ކުރިއަށްގެންދިޔައީ އެ ސިޓީގެ ގަމުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖެހި މައްސަލައިގައި ތުހުމަތުކުރެވޭ 11 މީހެއްގެ މައްސަލަ ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ވެސް ފޮނުވާފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ އެކި ތަންތަނުގައި ހުޅު ޖެހި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ބައެއް މީހުންގެ ބަޔާންތައް ފުލުހުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި، އެ ބަޔާންތައް މިހާރު ދިރާސާ ކުރައްވަމުން އަންނަ ކަމަށެވެ. އަދި އެ ބަޔާންތައް ދިރާސާކޮށް ނިމުނު އަވަހަކަށް ލަސްނުކޮށް އެ މީހުންގެ މައްސަލަތައް ޝަރީއަތަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.