ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖު ކަނޑައެޅުމުގައި މިނިމަމް ވޭޖު ބޯޑުން ހިމަނައިފައިވާ ލަފައަށްވުރެ އަދަދު ކުޑަކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ވަނީ މިނިމަމް ވޭޖު ކަނޑައަޅަން އެ ބޯޑުން ނިންމި އަދަދުތައް ލަފާއަރުއްވާފައެވެ.

މިއަދު މިނިމަމް ވޭޖު ކަނޑައަޅައިފައިވާއިރު ކުދި ވިޔަފާރިތަކަށް ގަޑިއިރަކަށް ދޭން ނިންމީ 21 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް 4500 ރުފިޔާއެވެ. އެއީ މިނިމަމް ވޭޖު ބޯޑުން ކަނޑައެޅި އަދަދަށްވުރެ ކުޑަ އަދަދެކެވެ.

މިނިމަމް ވޭޖު ބޯޑުން ލަފާދިން އަދަދަކީ ގަޑިއިރަކަށް 24.4 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް 5000 ރުފިޔާއެވެ.

ޕްރައިވެޓް ސެކްޓާގައި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 33.65 ރުފިޔާއެވެ. އެ އަދަދު ކަނޑައަޅައިފައިވަނީ ބޯޑުން ލަފާ ދިން އަދަދުތަކަަށް އެއްވެސް ބަދަލެއް ނުގެނެހެވެ.

ޕްރައިވެޓް ސެކްޓާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަމުގެ މިނިމަމް ވޭޖުގެ ގޮތުގައި ބޯޑުން ލަފާ ދިނީ ގަޑި އިރަކަށް 42.79 ރުފިޔާ ނަމަވެސް މިނިސްޓްރީން ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 38.90 ރުފިޔާއެވެ.

ޕަބްލިކް ސެކްޓަރަށް ކަނޑައަޅައިފައިވަނީ ބޯޑުން ދިން ލަފަޔާ އެއްގޮތަށް ހަ ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މަހަކު 7،000ރ. ނުވަތަ ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރާ މުވައްޒަފުންނަށް ގަޑިއިރަކަށް 33.65 ރުފިޔާއެވެ.