08 Nov 2021, 09:40
އިސްލާމީ މަރުކަޒަށް ވަދެ އެތަނުގެ ތެރެއަށް ކުޑަކަމުދިޔަ މައްސަލާގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލި ފަހުން، އިއްޔެ ޚަތިމަށް ކުޅުޖެހި މ. ޝޭޑީ ހޯމް، ހަސަން ޒިޔާދުގެ ނަފްސާނީ މައްސަލައެއް ފާހަގަ ނުވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، ޒިޔާދުގެ މައްސަލަ އެ މިނިސްޓްރީން ބެލި ކަމަށެވެ. އަދި އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއް ކަމަށް ފާހަގަ ކުރެވިފައި ނުވާތީ، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެންޑީއޭއަށް ފޮނުވައިފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލަ ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ޖެންޑާ މިނިސްޓްރީގެ އިތުރުން، ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒްވެސް ވަނީ މިސްކިތަކަށް ވަދެ ކުޑަކަމުދިޔަ މީހާގެ ފަރާތުން ފެންނަނީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއްގެ ފަރާތުން ފެންނާނެ ފަދަ އަލާމާތްތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ޑރ. ނާޒް "ސަން"އަށް ވިދާޅުވީ މިފަދަ މީހުން ނަފްސާނީ ބަލި މީހުންގެ ގޮތުގައި ކަނޑައަޅައި، މުޖުތަމައުއަށް ދޫކޮށްލައިފައި ތިބުމުން މުޖުތަމައުގައި ނަފްސާނީ ބަލި ހުންނަ މީހުންނާ މެދު ދެކޭ ގޮތް ތަފާތު ވެދާނެ ކަމަށެވެ.
"އަޅުގަނޑަކަށް ނުފެނޭ ނަފްސާނީ ބަލި މީހެއްގެ ފަރާތުން ފެންނާނެ ފަދަ އަލާމާތްތަކެއް. ބައްޔެއް ހުންނަނަމަ އޭނާގެ ހުންނަނީ ކޮން ކަހަލަ ބައްޔެއްތޯ ބަލަން ޖެހޭ. އިތުރު އަޑެއް އިވެނީތޯ ނޫނީ ކުޑަކުދިންގެ ހިޔާލުތޯ ހުންނަނީ މިފަދަ ކަންކަން ހޯދައި ޑައިގްނޯސް ކުރަން ޖެހޭނެ،" ޑރ. ނާޒް ވިދާޅުވިއެވެ.
އިއްޔެ މަސްޖިދުލް އިބްރާހީމް މިސްކިތުގައި ޚަތިމަކަށް ކުޅު ޖެހި ޒިޔާދު، އިސްލާމީ މަރުކަޒާއި، ރައީސް އޮފީހުގެ އިތުރުން ހުކުރު މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ހައްޔަރުކުރިއެވެ.
އެ މައްސަލައިގައި މިިދިޔަ މަހުގެ 13 ވަނަ ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާގެ ބަންދަށް 10 ދުވަސް ޖެހިއެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ނިމުމާއެކު މިދިޔަ މަހުގެ 25ގައި އޭނާ ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން ވަނީ އެ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށާއި އޭނާގެ ކިބައިގައި ނަފްސާނީ ބަލީގެ އިތުރު މައްސަލައެއް ހުރިތޯ ބަލަމުންދާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން މިސްކިތަށް ކުޑަކަމުދިޔަ މައްސަލައިގައި ޒިޔާދަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ މަހުގެ 24ގައި ޕީޖީ އަށް ފޮނުވައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.