ބަޣްދާދު (8 ނޮވެމްބަރު) : އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ އަވަހާރަކޮށްލުމަށް ހަމަލާދިނުމަށް ބޭނުންކުރި ޑްރޯންތައް އުދުއްސާލި ސަރަހައްދު ދެނެގަނެވިއްޖެކަމަށް އިރާގުގެ ސިފައިން ބުނެފިއެވެ.

އިރާގު ސިފައިންގެ ތަރުޖާމާނަކު ވިދާޅުވިގޮތުގައި ޑްރޯންތައް އުދުއްސާލި ސަރަހައްދު ދެނެގަނެވުމަކީ މިކަމުގެ ފަހަތުގައިވާ ފަރާތްތައް ދެނެގަތުމުގެ ތަހްގީގަށް ކުރިއެރުން ލިބޭނެކަމެއްކަމެކެވެ. ޑްރޯންތައް އުދުހިފައިވަނީ ރާޑަރުތަކަށް ނާރާގޮތަށް ވަރަށް ތިރިންކަމަށާ ނަމަވެސް ހަމަލާ ދިނުމުގެ ކުރިން އިރާގުގެ ސިފައިން އޭގެތެރެއިން ދެ ޑްރޯން ވައްޓާލިކަންވެސް އޭނާ ހާމަކުރެއްވިއެވެ.

ކާޟިމީ އަވަހާރަކޮށްލުމަށް ހަމަލާދިނީ ގޮވާތަކެތި އަޅާފައިވާ 3 ޑްރޯން ބޭނުންކޮށްގެންނެވެ. އެ ހަމަލާތައް ދިނީ ކާޟިމީ ދިރިއުޅުއްވާ ގެކޮޅުގެ މައްޗަށް އެ ޑްރޯންތައް ވައްޓާލައި، އެތަކެތި ގޮއްވައިލައިގެން ކަމަށާ ނަމަވެސް އެހަމަލާތަކުގައި ކާޟިމީއަށް އެއްވެސް ގެއްލުމެއްލިބިވަޑައިގެންފައިނުވާކަމަށް އިރާގުގެ އަމަނާބެހޭ ފަރާތްތަކުން ބުނެފައވެއެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ

އެހަމަލާ ތަކުގައި ކާޟިމީގެ ފުރާނަ ސަލާމަތްވިނަމަވެސް އޭނާގެ ހިމާޔަތުގައި ތިބޭ ޕާސަނަލް ޕްރޮޓެކްޝަން ފޯސްގެ ހަ މީހަކު ޒަޚަމްވިކަމަށް އިރާގުގެ އަމަނާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވެއެވެ.

މި މައްސަލާގައި އިރާގުގެ ވަޒީރުންގެ މަޖިލީހުން ނެރުނު ބަޔާނެއް ބުނާގޮތުން ކާޟިމީ އަވަހާރަކޮށްލަން ހަމަލާތައް ދިނީ ޖަރީމާތައް ހިންގުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ކުޑަ ޖަމާއަތަކުންނެވެ. ނަމަވެސް އެއީ ކޮން ޖަމާއަތެއްކަން ހާމަކޮށްފައެއް ނުވެއެވެ. ކާޟިމީ އަށް ހަމަލާތައް ދިން މީހުންނާއި އޭގެ ފަހަތުގައިވާ ފަރާތްތައް ހޯދައި އެމީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރާނެކަމަށްވެސް އެބަޔާން ބުނެއެވެ. އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ ވަނީ މިހަމަލާތަކުން އޭނާގެ އަޒުމު ގުޑުވައި ނުލެވޭނެކަމަށް ވިދާޅުވެފައެވެ.

ކާޟިމީ އަވަހާރަކޮށްލުމަށް ދިން ޙަމަލާ ދުނިޔޭގެ އެތަށް ގައުމަކުންވަނީ ކުށްވެރިކޮށްފައެވެ. އޭގެތެރޭގައި އިރާގުގެ އަވަށްޓެރި ގަލްފުގެ އަރަބި ގައުމުތަކާއި އިރާގާ އެނެމް ބޮޑު ގުޅުމެއް އޮންނަ އަދި އިރާގުގައި އެންމެ ބޮޑު ނުފޫޒެއް އޮންނަ އީރާން ހިމެނެއެވެ. މީގެއިތުރުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި ރަޝިއާއާއި ޗައިނާ އިންވެސްވަނީ އެ ހަމަލާތައް ކުށްވެރިކޮށްފައެވެ.

އިރާގުގެ އެތެރެއަށް ބަލާއިރު އިރާގުގައި އެމެރިކާގެ އަސްކަރީ ވުޖޫދު އޮތުމާ ދެކޮޅަށް މަސައްކަތްކުރާ އެގައުމުގެ ހަތިޔާރުއެޅި އެންމެ ބޮޑު ޖަމާއަތްކަމަށްވާ "ހަޝްދުއްޝައިބީ" ގެ ވެރިޔާ ގައިސުލް ޚަޒްއަލީވެސްވަނީ މިހަމަލާތައް ކުށްވެރި ކުރައްވާފައެވެ. މީގެއިތުރުން އިރާގުގެ ރައީސް އާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުންވެސްވަނީ މި ހަމަލާތައް ކުށްވެރި ކޮށްފައެވެ.