07 Nov 2021, 22:40
މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައިގަތް މައްސަލައިގައި ހިމެނޭ ދެ މީހުން އެތަކެއްޗާ ހަވާލުވުމަށް ސަފާރީއެއްގައި ދިގު ދަތުރެއް ކޮށްފައިވާކަން ހާމަވެއްޖެއެވެ.
އެ މައްސަލައާ ގުޅިގެން އަށް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް މިހާރު ބަންދުގައި ތިބީ ދެ މީހުންނެވެ.
އެ ދެ މީހުންނަކީ ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ،19، އާއި ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު،34، އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު ފަސް ދުވަހު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެފައެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހުނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ, ރާއްޖެއިން ބޭރުން ބޯޓެއްގައި މަސްތުވާތަކެތި ހިފައިގެން އައުމުން އެތަކެއްޗާ ހަވާލުވުމަށް ޖުމާން އާއި މުހައްމަދު އަހްމަދު ސަފާރީއެއްގައި ދިގު ދަތުރެއް ކޮށްފައިވާ ކަމަށެވެ.
ރާއްޖެއިން ބޭރުން އައި ބޯޓުން ގޯނިތަކެއް ސަފާރީއަށް އެރުވި ކަމަށާއި ނަމަވެސް ފަހުން އެ ގޯނިތައް ސަފާރީގައި ނެތް ކަމަށް ވެސް ބައެއް މީހުން ވަނީ ތަހުގީގުގައި ބުނެފައެވެ.
ގޯނިތައް ބަނުމަށް ބޭނުންކުރި ނޫކުލައިގެ ވާގަނޑާއި ވައްތަރުގެ ވާގަނޑެއް ސަފާރީން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ހިމެނޭ އެހެން މީހުން ދޫކޮށްލާފައި ވުމުން, ޖުމާން އާއި މުހައްމަދު އަހްމަދު ވެސް ބަންދުން ދޫކޮށްދިނުމަށް ދިފާއީ ވަކީލް މިއަދު ވަނީ ކޯޓުގައި އެދިފައެވެ.
ނަމަވެސް ދޫކޮށްލި މީހުންނާއި މި ދެ މީހުން ތަފާތުވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ. އެގޮތުން މި ދެ މީހުންނަކީ މަސްތުވާތަކެތި ބަލައި ސަފާރީގައި ދިގު ދަތުރެއް ކުރި ދެ މީހުން ކަމަށް ފުލުހުން ކޯޓުގައި ފާހަގަކުރިއެވެ. އަދި ސަފާރީން ދަތުރުކުރި އެހެން އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސަފާރީއަކާއި މާލެ އާއި ހުޅުމާލޭގެ 10 ތަނެއް ބަލާ ފާސްކޮށް 100 ކިލޯއަށް ވުރެން ގިނަ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި އެންމެ ފުރަތަމަ ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ދެ މީހަކު ދޫކޮށްލިއެވެ. ފުލުހުން ބުނެފައިވަނީ އެ ދެމީހުންނަކީ މި މައްސަލައިގައި އެންމެ އިސްކޮށް ތިބި ދެ މީހުން ކަމަށެވެ.