07 Nov 2021, 22:32
އަވަށްޓެރި ސްރީލަންކާގައި މާދަމާ ފަށާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕް 2021" ފެށުމަށް ޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސްރީލަންކާއަށް ވަޑައިގަތުމަށް ނިންމަވަފައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ދެއްވި ދައުވަތަކަށް ރައީސް ސޯލިހް މާދަމާ ސްރީލަންކާއަށް ވަޑައިގަންނަވަން ހަމެޖެހިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރައީސް ސޯލިހް ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، ހަތަރު ގައުމު ހިމެނޭގޮތުން ސްރީލަންކާގައި މާދަމާ ފަށާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕް 2021" ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދެއްވި ދައުވަތަކަށް ކަމަށެވެ.
މި މުބާރާތުގައި ރާއްޖެ ކުޅެންޖެހޭ ފުރަތަމަ މެޗް ކުޅެން ހަމަޖެހިފައިވަނީ މާދަމާ ރޭ ސްރީ ލަންކާ އާއި ދެކޮޅަށެވެ.
މުބާރާތުގައި ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ސްރީލަންކާއާއި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން ސީޝެލްސްއެވެ.