މާދަމާ ސްރީ ލަންކާގައި ފަށާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާއި ލަންކާ ވާދަކުރާ މެޗު މާލޭގެ ދެ ސަރަހައްދަކުން ބޮޑު ސްކްރީންގައި ބެލޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. އެއަށްފަހު މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތާ އެކު މާދަމާރޭ ލަންކާ އާއި ރާއްޖެ ބައްދަލުކުރާ މެޗު އޮންނާނެއެވެ.

ކުލަގަދަކޮށް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވާއިރު، ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ އާއި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެެެވެ.

މަހްލޫފް މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ ޔޫތު މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މާދަމާރޭ ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ކާނިވާ ސަރަހައްދުގަ އަދި ސޯޝަލް ސެންޓަރުގަ ބޮޑު ސްކްރީނުން ދައްކާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު މެޗުތައް ވެސް ވަނީ އެ ސަރަހައްދުތަކުގައި ބޮޑު ސްކްރީނުގައި ދައްކައިފައެވެ.

މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 30،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ލަންކާ އިން އެންމެ ފުރަތަމަ ރާޖަޕަކްސަ ޓްރޮފީގެ ނަމުގައި މުބާރާތެއް ބޭއްވީ 2012 ވަނަ އަަހަރު އެވެ. އެ ފަހަރު މުބާރާތް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށަށް ހާއްސަކޮށްގެންނެވެ. އެ ފަހަރު ތަށި އުފުލާލީ ރާއްޖޭގެ ޒުވާން ޓީމުންނެވެ.