ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވާ އިންޑިޔާގެ 11 މަސްވެރިން ދޫކޮށްލައިފި އެވެ.

އިންޑިޔާގެ ދަ ހިންދޫ ނޫހުން ބުނީ އެ ގައުމުގެ ޓެމިލްނާޑޫ އަށް ނިސްބަތްވާ 11 މަސްވެރިން ދިވެހިސަރުކާރުން ދޫކޮށްލީ ޓެމިލްނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖަޔަލަލިތާ މެދުވެރިގެން ކަމަށެވެ.

ދަހިންދޫ ބުނި ގޮތުގައި މިނިވަންކުރި މަސްވެރިންނަކީ ކަންޔާކުމާރީ ޑިސްޓްރިކްޓަށް ނިސްބަތްވާ މީހުންނެވެ. އަދި އެމީހުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެނބުރި އިންޑިޔާ އަށް ދާނެ އެވެ.

ރާއްޖޭގައި ހައްޔަރުކުރި މަސްވެރިންނަކީ ކަންޔާކުމާރީ ޑިސްޓްރިކްޓްގެ އިރަވިޕުތަންތުރާއީ އަވަށަށް ނިސްބަތްވާ ބައެއް ކަމަށާއި މިދިޔަ ހަފުތާގައި މަހަށް ފުރީ އަރަބިކަނޑަށް ކަމަށް ރަސްމީ ބަޔާނަކާ ހަވާލާދީ ދަ ހިންދޫ ނޫހުގައިވެ އެވެ. ރާއްޖޭގެ ސަރަހައްދަށް އެމީހުންނަށް ވަދެވުނީ އޮޔާދިއުމުން ކަމަށާއި ރާއްޖޭގެ ކޯސްޓްގާޑުން ބޯޓާ އެކު އެމީހުން ގެންދިޔަ ކަމުގެ މައުލޫމާތު އިންޑިޔާ އަށް ލިބުނު ކަމަށް އެ ނޫހުން ބުންޏެވެ.

"އެއާ ގުޅިގެން ޗީފް މިނިސްޓަރު ޔޫނިއަން އެކްޓާނަލް އެފެއާޒްގެ އޮފިޝަލުން އަރިހު އެދިވަޑައިގަތުމުން، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށް ކުށެއްނެތް މަސްވެރިން ދޫކޮށްލައި ދިނުމަށް އެދުނެވެ." ދަ ހިންދޫގައިވެ އެވެ.

އެ ނޫހުން އަދި ބުނީ އިންޑިޔާ ސަރުކާރުގެ އެދުމުގެ މަތިން ދިވެހިސަރުކާރުން އެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައި ނުވާ ކަމަށާއި އެމީހުން ހައްޔަރުކޮށްގެން މާލެ ވެސް ނުގެންނަ ކަމަށެވެ. އަދި އެމީހުން ބައިތިއްބާފައި ތިބީ ކުޅުދުށްފުށީގައި ކަމަށާއި ދުވަސްކޮޅެއްގެ ތެރޭގައި އެމީހުންނަށް އެނބުރި އިންޑިޔާ އަށް އާދެވޭނެ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ފުލުހުން ބުނީ ހދ. އަތޮޅު ތެރެއަށް ވަދެ އުޅެނިކޮށް، އެ ސަރަހައްދުގެ ރާއްޖޭގެ މަސްވެރިން ހިފެހެއްޓި އިންޑިޔާގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުން ހދ. ކުޅުދުއްފުށްޓަށް ގެންދިޔަ ކަމަށާއި އޭގައި ތިބި މަސްވެރިން ފުލުހުންނާ ހަވާލުކުރި ކަމަށެވެ. އަދި އެ ބޯޓަކީ ދާ އަޅާ މަސްބޯޓެއް ކަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް އެމީހުން ރާއްޖޭގެ ސަރަހައްދަށް ވަދެފައި ވަނީ ހާލުގައި ޖެހިގެން ކަމަށް އެމީހުން ބުނި ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމު ވިދާޅުވި އެވެ.

"ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކޮށްގެން އެމީހުން މިހާރު ވަނީ ދޫކޮށްލާފައި،" ޝިޔާމު ވިދާޅުވި އެވެ.