07 Nov 2021, 22:36
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވަޓްފޯޑް އަތުން ހޯދި މޮޅާއެކު އާސެނަލް ޕްރިމިއާ ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.
އާސެނަލުގެ އެމިރޭޓްސް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުން ވަޓްފޯޑްގެ މައްޗަށް އެ ޓީމު ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މޮޅާއެކު އާސެނަލް ތާވަލުގެ ފަސްވަނައަށް ޖެހިލި އިރު، މެޗުން ބަލިވި ވަޓްފޯޑް އޮތީ 17 ވަނައިގައެވެ.
އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ކުޅޭ ފަހު މެޗުތައް ކުޅެމުން އަންނަ އިރު، މިރޭ ކުޅުނު މެޗު ފަށައިގެން އާސެނަލުން ވަނީ ހަތް މިނަޓުތެރޭ ލީޑު ނެގުމާ ގާތްކޮށްފައެވެ. އެކަމަކު ބުކަޔޯ ސަކާ ޖެހި ގޯލު އޮފްސައިޑް ކަމަށް ވީއޭއާރުން ވަނީ ނިންމައިފައެވެ.
އޭގެ ފަހުން އާސެނަލަށް އަނެއްކާވެސް ފުރަތަމަ ހާފު ނިމެންދަނިކޮށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން ޕިއެރޭ އެމެރިކް އޮބަމަޔެންގަށް ލިބުނު ޕެނަލްޓީ ވަޓްފޯޑުގެ ކީޕަރު ބެން ފޮކްސް ވަނީ ދިފާއުކޮށްފައެވެ.
އާސެނަލުން މެޗުގައި ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން 56 ވަނަ މިނަޓުގައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އެމިލް ސްމިތު ރޯވްއެވެ.
މި މެޗުން ލިބުނު މޮޅާއެކު އާސެނަލުން ވަނީ މެޗަކުން ބަލިނުވެ 10 މެޗު ހަމަކޮށްފައެވެ. އޭގެ ތެރެއިން ހަތް މެޗުގައި އެ ޓީމުން ކްލީން ޝީޓެއް ވަނީ ދަމަހައްޓައިފައެވެ.
މީގެ އިތުރުން މިރޭ ޓޮޓެންހަމާއި އެވަޓަން ބައްދަލު ކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ނަތީޖާއާއެކު ޓޮޓެންހަމް ނުވަ ވަނައިގައި އޮތް އިރު، އެވަޓަން އޮތީ 11 ވަނައިގައެވެ.