07 Nov 2021, 19:36
ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ އަލަށް ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއަށް ދިވެހިން ވާހަކަ ދައްކަން އެނގުން މުހިއްމު ނޫން ކަމަށާއި، އޭނާ ކިޔައިދޭ އެއްޗެހި ނަގައިގަންނަން ފަސޭހަ ކަމަށް ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު ބުނެފިއެވެ.
ލަންކާ މުބާރާތުގައި މާދަމާރޭ ރާއްޖެ ކުޅޭނީ ލަންކާއާއެވެ. ދެ ވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހުއެވެ. ފައިނަލަށް ގޮސްފިނަމަ އެ މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހުއެވެ.
މި މުބާރާތަށް ރާއްޖެ ކުރިމަތިލާއިރު، ރާއްޖޭގެ ކޯޗަކަށް ހުރި މޮރިއޭރޯ އަކީ އޭޝިއާ ސަރަހައްދަށް އައު ކޯޗެކެވެ. އަދި އެހެންމެ އޭނާއަށް އިނގިރޭސި ބަހުން ވެސް މާރަނގަޅަށް ވާހަކަ ދައްކާކަށް ނޭންގެއެވެ.
އެހެން ކަމުން އެފްއޭއެމުން ވަނީ ކޯޗުގެ ޓްރާންސްލޭޓަރެއްގެ ވަޒީފާއަށް މީހަކު ހަމަޖައްސައިފައެވެ. އެއާއެކު ކޯޗާއި، ކުޅުންތެރިންނާ ދެމެދު ކުރާ މުއާމަލާތްތަކުގެ މެދުވެރިއަކީ ޓްރާންސްލޭޓަރެވެ.
ނަމަވެސް ކޯޗާއެކު ގިނަ ވާހަކަތަކެއް ނުދެކެވުނަސް ކުޅުންތެރިންނާއި މޮރިއޭރޯއާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަމަށް ގައުމީ ފޯވާޑް ފާސިރު ވަނީ ބުނެފައެވެ. މިއަދު އޮތް ޕްރި މެޗު ނޫސް ކޮންފަރެންސްގައި ފާސިރު ބުނީ ކޯޗަށް ބަސް އިނގުން މުހިއްމުކަމުގައި ނުދެކޭ ކަމަށެވެ.
"މީގަ ކޮންމެހެން ބަހެއް ނޫން މުހިއްމީ. ފީލްޑްގައި [ދަނޑުމަތީގައި] ކިޔައިދޭ އެއްޗެހި ކޮންމެ ގޮތެއް ވިޔަސް ވަރަށް ފަސޭހަވާނެ. ދެން ޓްރާންސްލޭޓަރެއް ވެސް އެބަހުރި،" ފާސިރު ބުންޏެވެ.
ފާސިރު ބުނީ ޕްރެކްޓިހުގައި މޫވްތައް ފެށުމުގެ ކުރިން ކޯޗު ވަރަށް ރަނގަޅަށް އެ ކަންތައް ކުރާނެ ގޮތް ކިޔައިދޭ ކަމަށެވެ. އަދި ފުޓުބޯޅައިގައި ހުންނަނީ އެއްގޮތް ގިނަ ކަންތައްތަކެއް ކަމަށާއި، ކޯޗު ކިޔައިދޭ އެއްޗެހި ފަސޭހަކަމާ އެކު ނަގައިގަނެވޭ ކަމަށެވެ.
ފާސިރު ބުނީ ކުރިން ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ފަސޭހައިން މޮޅުވެވުނު ނަމަވެސް މިހާރު އެގައުމުގައި އޮތް ޓީމު ތަފާތު ކަމަށެވެ. އަދި އެކަން ސާފް ޗެމްޕިއަންޝިޕު މުބާރާތުން އިނގުނު ކަމަށެވެ.