07 Nov 2021, 17:58
ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް އިރު ކުޑަ ކުދީންގެ ކިބައިގައި އިސްލާމީ ރިވެތި އުސޫލު އަށަގެންނެވުމަށް ޓަކައި މަސައްކަތްކުރަން ޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިސްލާމްދީނުން ދަސްކޮށްދޭ އެންމެ މުހިންމު ސިފައަކީ ރިވެތި އަހްލާގުކަމަށެވެ.
"އެކަކު އަނެކަކަށް އިހްތިރާމްކުރަންޖެހޭކަމާއި، އެކަކު އަނެކަކަށް ކަންކަމުގައި މާފުކުރަންޖެހޭކަމާއި، އަޅާލުމާ ހިތްހެޔޮކަން އެހެން މީހުންނާ ދޭތެރޭ ބަހައްޓަންޖެހޭ. އާދެ އަޅުގަނޑުމެން ވިސްނާލަން ޖެހޭ، މީހަކަށް ކޮށްދޭ ހެޔޮ ކަމަކުން ބުނާ، ހެޔޮ ބަހަކުން، އަޅުގަނޑުމެންނަށް ވެވޭ ހިނިތުންވުމަކުން، އަޅުގަނޑުމެން އަތުން ދާ ހަމަ އެއްވެސް އެއްޗެއް ނެތް،" ނައިބު ރައީސް ވިދާޅުވިއެެވެ.
އެމަނިކުފާނު ވިދާޅުވީ ރަނގަޅު ޖީލެއް ގައުމެއްގައި އުފެދެނީ މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު ކަމަށެވެ. އަދި ރަނގަޅު ޖީލެއް ބިނާކުރުމަށް ނަމޫނާ ދެއްކެވުމަށް ވެސް އެމަނިކުފާނު ގޮވައިލެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ އިސްލާމްދީނުން ގެނެސްދެނީ ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ހައްލުކަމަށެވެ. އަދި ދީނުން ދަސްކޮށްދޭ ފިލާވަޅުތަކުގެ ބޭނުން ހިފައި ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތްކުރުމަށް ވެސް ނައިބު ރައީސް ގޮވައިލެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މިއަދު ކުރުން އެންމެ މުހިންމު ކަމަކީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރުންކަމަށެވެ. އެއާއެކު އިސްލާމްދީނުގެ އަގީދާ ބަލައިގަތުމަކީ ދިވެހީންނަށް ލިބުނު އެންމެ ބޮޑު ނަސީބުކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
"އާދެ މިކަމަށް ޓަކައި ﷲގެ ހަޒްރަތަށް ހަމްދުކޮށް ޝުކުރުދަންނަވަން." ނައިބު ރައީސް ވިދާޅުވިއެވެ.
މިއަދު އޮތް ރަސްމީ ޖަލްސާގައި ނައިބު ރައީސްގެ އިތުރުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސަރުކާރުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.