ސްރީ ލަންކާގައި މާދަމާ ފަށާގޮތަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ދުނިޔޭގެ ރޭންކިންގަށް ބަލާއިރު ރާއްޖެ ކުރީގައި އޮތް ނަމަވެސް އެކަމުގެ ޕްރެޝަރު ޓީމަށް ނެތް ކަމަށް ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

ލަންކާ މުބާރާތުގައި މާދަމާރޭ ރާއްޖެ ކުޅޭނީ ލަންކާއާއެވެ. ދެ ވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހުއެވެ. ފައިނަލަށް ގޮސްފިނަމަ އެ މެޗު އޮންނާނީ މި މަހު 17 ވަނަ ދުވަހުއެވެ.

މާދަމާގެ މެޗުގެ ކުރިން ލަންކާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗު މޮރިއޭރޯ ބުނީ ދިވެހި ޓީމާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަން ލިބުނީ ދެ ހަފުތާގެ މުއްދަތެއް ކަމަށެވެ. އަދި އެ ދުވަސްތަކުގައި ޓީމުގެ ފެންވަރު ކޮންމެވެސް ވަރަކަށް ވަޒަން ކުރެވުނު ކަމަށާއި، އެންމެ ހިތްހަމަ ޖެހެނީ ޓީމުގެ ކުޅުންތެރިންނާއި، އެފްއޭއެމުން އޭނާއަށް 100 އިންސައްތައަށް އެއްބާރުލުން ދޭތީ ކަމަށެވެ.

"އަހަރެން އެންމެ އުފާވާ އެއްކަމަކީ ކުޅުންތެރިންގެ ފަރާތުން ޓްރެއިނިންގްތަކުގައި އެ ފެންނަ ހިނިތުންވުމާއި، ޕްރެކްޓިސްތަކުގައި އެ ފެންނަ ގައުމީ ޖޯޝު. މިކަންކަމަކީ ޔޫރޮޕުގައި މަދުން ނޫނީ ނުފެންނަ ކަންކަން،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ އޭނާއަށް ރާއްޖެއައުމުން ލިބުނު މެހެމާންދާރީއަކީ އޭނާއަށް ޓީމާއެކު މަސައްކަތް ކުރުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަަމަށެވެ. އަދި އެހެންމެ ކުޅުންތެރިން ވެސް ތިބީ އޭނާގެ ފިލޯސޮފީތަކަށް ކުޅެން ތައްޔާރަށް ކަމަށް މޮރިއޭރޯ ބުންޏެވެ.

މީގެ އިތުރުން ރާއްޖެއަކީ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ދުނިޔޭގެ ރޭންކިންގްގެ އެންމެ މަތީގައި އޮތް ގައުމަށްވީތީ މި މުބާރާތުގައި އެއްވެސް ފައިދާއެއް ނެތް ކަމަށާއި، ރޭންކިންގަށް ބަލައިގެން އޭގެ ޕްރެޝަރު ޓީމަށް ނެތް ކަމަށް މޮރިއޭރޯ ބުންޏެވެ.

"ކޮންމެ މެޗަކީ ވެސް ތަފާތު ތާރީހެއް އުފައްދާނެ މެޗެއް. ރޭންކުގެ މަތީގައި އޮތެއް ކަމަކު މެޗުގައި ފައިދާއެއް ނުކުރާނެ. އެގާރަ ކުޅުންތެރިން ކުޅޭނީ އެެގާރަ ކުޅުންތެރިންނާ. މެޗަށް ދާއިރު ވިސްނަން ޖެހޭނީ މޮޅުވާން. ރޭންކުގެ ޕްރެޝަރެއް ހަމަގައިމުވެސް އަހަރެންނަކަށް ނެތް."

މޮރިއޭރޯ ބުނީ މޮޅު ޓީމެއް އިނގޭނީ ގުރޫޕް ނިމޭއިރު އެއްވަނައިގައި އޮތް ޓީމުން ކަމަށާއި، ޓީމު ވަރުގަދަ ކުރަން އޭނާ މަސައްކަތް ކުރާ ކަމަށެވެ. އެހެން ނަމަވެސް އޭނާއަކީ ޖާދޫގަރެއް ނޫންކަމަށާއި، ކުއްލިއަކަށް އެންމެ މައްޗަށް ޓީމު ނުގެންދެވޭނެ ކަމަށެވެ.