ސްރީ ލަންކާގައި މާދަމާ ފަށާގޮތަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގުބޮޑުވުމުގެ ކަންބޮޑުންތަކާއެކު ދިވެހި ސަރުކާރުގެ އެދުމަކަށް ޓިކެޓްގެ އަގު ހެޔޮކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މާދަމާ ހަވީރު ފަށައި އެ މުބާރާތަށް ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ބޭނުންވެފައިވާ އިރު، މާދަމާ ރޭ ހޯމް ޓީމާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ޓިކެޓް ވިއްކުމަށް ފުޓްބޯލް ސްރީލަންކާ އިން އެންމެ ފުރަތަމަ އަގުކަނޑައެޅީ ޓިކެޓެއްގެ އަގު 5،000 ރުޕީސްއަށެވެ.

އެ އަގު ދިވެހިންނަށް މާ ބޮޑު ކަމަށް ބުނެ ގިނަބަޔަކު މިއަދު ހެނދުނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް މިއަދު މެންދުރު ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިންނަށް ޓިކެޓް ވިއްކާ އަގު ހެޔޮ ކުރުމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ޖަސްވާރް އުމަރު އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"މިހާރު ވަނީ ދިވެހިންނަށް 3000 ލަންކާ ރުޕީސް (231 ރުފިޔާ)އަށް ޓިކެޓް ވިއްކުމަށް ނިންމާފައި," މަހުލޫފް ވިދާޅުވިއެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ލަންކާއާ ބައްދަލުކުރާނެ އެވެ. ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ ދެ ސަރަަހައްދަކުންނެވެ. އެއީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ.

މި މުބާރާތުގެ މެޗުތައް ބެލުމަށް ޓިކެޓް ވިއްކާނީ ވެކްސިން ދެ ޑޯޒު ޖަހާފައިވާ މިހުންނަށެެވެ. މެޗު ބަލަން ދިވެހިން ތިބެން ޖެހޭނީ ދަނޑުގައި އަވޭ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގައެވެ.

ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލު ކުރި މެޗު 1-0 އިން ކާމިޔާބު ކުރީ ރާއްޖެއެވެ. އެ މެޗުގައި ރާއްޖެއިން ޖެހި ގޯލު ކާމިޔާބުކުރީ އަލީ އަޝްފާގު (ދަގަނޑޭ)އެވެ.