ތެހެރާން (މާޗް 3): އީރާނުގެ ޕާލަމެންޓްރީ އިންތިޚާބުގެ ވޯޓުލުންނިމި ވޯޓުތައް ގުނަންފަށައިފި އެވެ.

ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ތެރެއިން 64 ޕަސެންޓް މީހުން މިއިންތިޚާބުގައި ވޯޓުލާފައިވާ ކަމަށް އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ބުނެ އެވެ. އިއްޔެ ހެނދުނު އީރާނުގެ ގަޑިން 8 ޖެހި އިރު ފެށި މިއިންތިޚާބުގެ ވޯޓުލުން ހަވީރު 6 ޖަހާ އިރު ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް ރޭ 8 ޖެހުމާހަމައަށް ވެސް ބައެއް ވޯޓުފޮށިތަކުގެ ކައިރީގައި ކިޔޫ އޮތް ކަމަށާއި މިކަމުގެ ސަބަބުން ވޯޓުލާ މަރުކަޒުތައް ބަންދުކުރީ އެކިމަރުކަޒުތައް އެކިގަޑިތަކުގައި ކަމަށް އީރާނުގެ މީޑިޔާ ޚަބަރުދެ އެވެ.

އީރާނުގެ ޕާލަމެންޓްރީ އިންތިޚާބުގައި ގާތްގަނޑަކަށް 48 މިލިޔަން މީހުންނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވެ އެވެ. މީގެތެރެ އިން 3.1 މިލިޔަން މީހުންނަކީ ވޯޓުލުމުގެ ޙައްޤު އަލަށް ލިބުނު ޒުވާނުންނެވެ. އީރާނުގެ ޕާލަމެންޓްގެ 290 ގޮނޑިއަށް 5400 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

ވޯޓުލުމަށްޓަކައި 47 ހާސް ވޯޓުފޮށި އީރާނުގެ ކަންކޮޅުތަކުގައި ބެހެއްޓިފައިވާ އިރު 350 އަށް ވުރެ ގިނަ ބޭރުގެ ރިޕޯޓަރުންނާއި އީރާނުގެ 13 ސަތޭކަ ރިޕޯޓަރުން މި އިންތިޚާބުގެ ކަންތައްތައް ކަވަރުކުރަމުން ގެންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

އީރާނުގެ އިދިކޮޅު ފަރާތްތަކުގެ ތެރެއިން އިސްލާހީ ޚިޔާލުގެ މީހުން މިއިންތިޚާބު ބޮއިކަޓް ކޮށްފައިވާ އިރު ކޮންޒަވެޓިވް ޚިޔާލުގެ އިދިކޮޅު ފަރާތްތައްވަނީ އިންތިޚާބުގައި ބައިވެރިވެފަ އެވެ. (އަލްޢާލަމް)