07 Nov 2021, 12:29
ދިވެހި ރައްޔިތުން އިސްލާމްދީނާ ދުރުކޮށް، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް, ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަށް ކުރަމުންދާ މަސައްކަތަށް ކުޑަ ނަމަވެސް ޖާގައެއް ދެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ސިޔާމް ނެރުއްވި ހިތާބުގައި ވަނީ މިގައުމަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ދިވެހިންވެސް މަސައްކަތް ކުރަން އިލްތިމާސް ކުރައްވައިފައެވެ.
"ރަސޫލާއަށް ފުރައްސާރަ ކުރުމަށް ކުރަމުންދާ މަސައްކަތަށް ކުޑަނަމަވެސް ޖާގައެއް ނުދިނުމަށް އަޒުމުކަނޑައަޅާ، މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނާއި، ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަޅުގަނޑު އިލްތިމާސް ކުރަން،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް އިތުރަށް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީ ހަސަދަވެރިވާ ގިނަ ބަޔަކު ތިބި ކަމަށެވެ.
ހަމައެހެންމެ ކާބަފައިން މިއަދާ ހަމައަށް މިގައުމު ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ވާސިލުކޮށްދީފައިވަނީ ދުނިޔޭގެ އެހެން ގައުމެއް ނުވަތަ ޖަމާއަތެއްގެ ފިއްތުމަކަށް ބޯލެނބުމެއްނެތި، ހިތްވަރާއި ކެރުންތެރިކަމާއެކު ފިސާރި ސާބިތުވެގެން ކަމަށް ސިޔާމް ވިދާޅުވިއެވެ.
ނަމަވެސް ދިވެހިން އިސްލާމް ދީނާ ދުރުކޮށް، ރަސޫލާއަށް ފުރައްސާރަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައެއް ދިވެހިން ބައިވެރިވަމުން ދިޔުމަކީ ހިތާމަހުރި ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.
"ބަވަނަވެފައިވާ ދުނިޔޭގައި އިސްލާމް ދީނުގެ މަތިވެރި ނިއުމަތުން ދިވެހިން ދުރުކޮށް، މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހިވަސައްލަމައަށް ފުރައްސާރަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި މަދުން ނަމަވެސް ދިވެހިން ބައިވެރިވަމުންދާ ކަމީ ނުހަނު ހިތާމަ ހުރި ކަމެއް،" ސިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން މާތް ﷲ ސުބުހާނަހު ވަތައާލާ ދިވެހިންނަށް އިސްލާމު ދީނުގެ މަތިވެރި ހިދާޔަތު މިންވަރު ކުރެއްވުމުގައި މެދުވެރި ކުރެއްވި މައުލާނާ ޔޫސުފް އަލް ބަރުބަރީ އަށާއި އެވަގުތު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި ދަރުމަވަންތަ މަހާރަދުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށް ސިޔާމްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.
ސިޔާމް ވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އަމިއްލަ ނަންފުޅުގައާއި ޕާޓީގެ ނަމުގައި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.
ހަމައެހެންމެ ނަސްރުގެ ދުވަހާ ގުޅިގެން ސިޔާމް ނެރުއްވި ހިތާބެއްގައި ވަނީ ރާއްޖޭގައި އެދުވަހު ސިފައިން ދައްކުވައިދިނީ ގައުމީ ލޯބީގެ ނަމޫނާ މިސާލެއްކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައި، އެ މަސައްކަތުގައި ދެމިތިބުމަށް އެ ފަރާތްތަކަށް ހިތްވަރު ދެއްވިއެވެ.