07 Nov 2021, 10:19
ވޮޝިންޓަން (ނޮވެމްބަރު 7) : ޗައިނާ ނިއުކްލިޔާ ހަތިޔާރު ތަރައްގީ ކުރަމުން ގެންދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށް ބުނެ އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަން އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުން ނިޔުކްލިޔަރ ހަތިޔާރު ތަރައްގީ ކުރުމުގައި އެމެރިކާއަށް ލަފާކުރެވިފައިވާ ވަރަށްވުރެ ބޮޑަށް ޗައިނާވަނީ ކުރިހޯދާފައި ކަމަށާ މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި ރިޕޯޓްގައި ލަފާކޮށްފައިވާގޮތުން 2030 ވަނަ އަހަރުގެ ނިމޭއިރު ހަމަލާ ދެވޭހާލަތުގައި ޗައިނާގައި 1000 އަށް ވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ހުންނާނެއެވެ.
އެމެރިކާ ސަރުކާރުން ކޮންގްރެސް އަށް ހުށަހެޅި ރިޕޯޓެއް ބުނާގޮތުން ޗައިނާގައި މިހާރުހުރީ ހަމަލާދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ 200 ވަރަކަށް ނިއުކްލިޔާ ހަތިޔާރެވެ. މިއީ މިސައިލް އާއި ސަބްމެރިން އާއި ބޮންއަޅާ ބޯޓުތައް ބޭނުންކޮށްގެން ހަމަލާދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ނިއުކްލިޔާ ހަތިޔާރެވެ.

ޗައިނާގެ ނިއުކްލިޔާ މިސައިލްތަކެއް
މުޅި ދުނިޔެއަށް ބަލާއިރު ހަމަލާދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ނިއުކްލިޔާ ހަތިޔާރު އެންމެ ގިނަ ގައުމަކީ ރަޝިއާއެވެ. ރަޝިއާގައި ގާތްގަނޑަކަށް 4 ހާހަށްވުރެގިނަ ނިއުކްލިޔާ ހަތިޔާރު ހުރިކަމަށްވެއެވެ. ދެވަނައަށް ނިއުކްލިޔާ ހަތިޔާރު އެންމެ ގިނައީ އެމެރިކާގައެވެ. އެމެރިކާގައި 3 ހާހަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ހުރިކަމަށްވެއެވެ.
ނިއުކްލިޔާ އެހެން ބާރުތައް ކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ޕާކިސްތާނާ އަދި އިންޑިއާއާއި އުތުރު ކޮރެއާއަށް ބަލާއިރު މިއިން ކޮންމެ ގައުމެއްގައިވެސް ހުރިކަމަށްވަނީ 500 އަށްވުރެ މަދު ނިއުކްލިޔާ ހަތިޔާރެވެ. އިސްރާއީލަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދި ކަމަށް އެއްބަސްނުވެ ބައިނަލްއަގްވާމީ މުޖްތަމައަށް ސިއްރުން ނިއުކްލިޔާ ހަތިޔާރު އުފައްދާ އަދި އަރަބި އިސްލާމީ ގައުމުތަކުގައި ހުންނަ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދިނުމުގެ ތާރީޚެއް އޮންނަ ނުރައްކާތެރި އިސްތިއުމާރީ ގައުމެކެވެ.
އިސްރާއީލުގެ ނުރައްކާތެރިކަން ބޮޑުވަނީ ނިއުކްލިޔާ ހަތިޔާރުގެ ހިމާޔަތުގައި އޮވެގެން ފަލަސްތީނުގެ ހުރިހާ ބިންތަކަކަށް ވެރިވެގަނެ ފަލަސްތީނު ރައްޔިތުން އަޅުވެތިކޮށް ފަލަސްތީނު ރައްޔިތުން މަރަމުން ގެންދާތީއެވެ. އަދި މިހުރިހާ އަނިޔާވެރިކަމެއް ހިންގާއިރުވެސް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ހިމާޔަތާއި ރައްކާތެރިކަން އިސްރާއީލަށް ލިބޭތީއެވެ.
އެމެރިކާ އެންމެ ކަންބޮޑުވާ ކަމަކީ ކައިރި މުސްތަގްބަލެއްގައި އެމެރިކާގެ އަސްކަރިއްޔާގެ މައްޗަށް ޗައިނާގެ އަސްކަރިއްޔާ ކުރިހޯދާނެކަމަށް ބެލެވޭ ބެލެވުމެވެ. މިހާރުވެސް އަސްކަރީ ބައެއް ދާއިރާތަކުގައި އެމެރިކާގެ މައްޗަށް ޗައިނާވަނީ ކުރިހޯދާފައެވެ. އެމެރިކާ ދެކޭގޮތުގައި މުސްތަގްބަލްގައި އެގައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާއެވެ. އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންނާ އަދި ޓެކްނޮލޮޖީގެ ގޮތުން އެމެރިކާގެ މައްޗަށް ޗައިނާ ކުރިހޯދާނެކަމުގެ ބިރު އެމެރިކާ ވަރަށް ބޮޑަށް އިހްސާސް ކުރެއެވެ.
މިބިރު އެމެރިކާ އިހްސާސް ކުރަނީ އެކަމުގެ ސަބަބުން ދުނިޔޭގައި މިހާރު އެމެރިކާ އަދާކުރާ އިމްޕީރިއަލް ރޯލާއި ބައިނަލްއަގްވާމީ ފުލުހެއްގެ ރޯލާ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާއި އަސްކަރީ މަނަވަރުތައް ފޮނުވައިގެން ގައުމުތަކަށް ބިރު ދައްކައި އެމެރިކާ އެދޭގޮތަށް ކަންކަންކުރަން މަޖްބޫރު ކުރުމުގެ ބާރު އެމެރިކާއަށް ގެއްލިގެން ދާނެތީއެވެ.
ޗައިނާ ދުނިޔޭގެ އެއްވަނަ ބާރުގެ މަގާމަށް އައި ނަމަވެސް ދުނިޔޭގެ ބޮޑުބާރެއްގެ ގޮތުގައި އެމެރިކާ ދިގުމުއްދަތަކަށް ދެމި އޮންނާނެއެވެ.